ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 14 ހަފުތާގެ ވައުދުފުޅުތައް ފުއްދުމަށް އިސްލާމިކް މިނިސްޓްރީން ވޭތުވެދިޔަ ހަތަރު ހަފުތާ ތެރޭގައި ކުރި މަސައްކަތްތަކަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ތައުރީފުކުރައްވައިފިއެވެ.

ނައިބު ރައީސް އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް ތައުރީފުކުރެއްވީ މިއަދު އެ މިނިސްޓްރީއަށް ކުރެއްވި ޒިޔާރަތުގައި އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ރައީސް އޮފީހުން ބުނީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލިބޭކަން އެ ހިދުމަތްތައް ފޯރުކޮށްދޭން ތިބޭ ފަރާތްތަކުން ކަށަވަރުކުރަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށެވެ. އަދި ވޭތުވެދިޔަ ހަތަރު ހަފުތާ އެ ދާއިރާއިން މުހިންމު ބަދަލުތަކެއް ގެނެސްދީފައިވާކަން ފާހަގަކުރައްވައި އެކަމަށް ހިތްވަރުދެއްވި ކަމަށް ބުންޏެވެ.

އޭގެ އިތުރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބައްދަލުކުރެއްވުމުގައި ވޭތުވެދިޔަ ހަތަރު ހަފުތާ އިސްލާމިކް މިނިސްޓްރީން ކުރި މަސައްކަތްތަކުގެ ކުރު ހުލާސާއެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ނައިބު ރައީސަށް އެރުވިއެވެ.

ބައްދަލުވުން ނިންމަވައިލެއްވުމުގެ ގޮތުން "ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްސުރެއް" ކިޔާ ފޮތެއް ނައިބު ރައީސަށް މިނިސްޓަރު ޝަހީމް ހަދިޔާކުރެއްވިއެވެ.