އައިޖީއެމްއެޗަށް އިތުރު ސްޕެޝަލިސްޓުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވެލެއްވުމަށްފަހު "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ހަލީމް އެހެން ވިދާޅުވީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުންނަށް ދައްކާ މީހުންގެ ކިއު ދިގުވާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ހަލީމް ވިދާޅުވީ އެކަން ހައްލުކުރުމަށް ބަދަލުތަކެއް ގެންނަން ރާވާފައިވާ ކަމަށާއި އެކަމަށް ޑޮކްޓަރުން ބައްލަވާ ގަޑިތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އެންމެ މުހިންމީ އަވަހަށް ކިއު ދުއްވާލުމުގެ ބަދަލުގައި ފެންވަރު ރަނގަޅު ހިދުމަތަކާއި ކޮންސަލްޓޭޝަނެއް ލިބުން ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ބައެއް އޭރިއާތަކަށް ދައްކާ މީހުންގެ ކޮންސަލްޓޭޝަން ވަގުތު ދިގުވާ ކަމަށް ފާހަގަކުރައްވައި ހަލީމް ވިދާޅުވީ ބައެއް ދާއިރާތަކަށް ސްޕެޝަލިސްޓުން ލިބުމުގައި ދަތުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މިހާރު އައިޖީއެމްއެޗްގައި ބައެއް ދާއިރާތަކުން ހުރީ އެންމެ ސަބް ސްޕެޝަލިސްޓެއް ކަމަށާއި އެހެންކަމުން އެ ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ޑިމާންޑު ބޮޑުވާ ކަމަށެވެ. އަދި އެއީވެސް ކިއު ދިގުވާން ދިމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިކަމުގައިވެސް ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެން މަޝްވަރާތަކެއް އެބަ ހިނގާ ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ރައީސް އޮފީހާއެކީގައި، ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުން މިކޮޅަށް ހަޔާކޮށް ހޯދުމުގެ މަސައްކަތްތަކެއް. އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖެ ކަމަށްވާ ނަމަ، މިހާރަށްވުރެ އަވަހަށް ކޮންސަލްޓޭޝަންގެ ޕްރޮސެސްތައް ކުރިއަށް ގެންދެވޭނެ،" ހަލީމް ވިދާޅުވިއެވެ.

ހަލީމް އިތުރަށް ވިދާޅުވީ ދިވެހި ސްޕެޝަލިސްޓުން ހޯދުމުގައި ދަތިތަކެއް ހުރި ކަމަށާއި އެއީ އެ ދާއިރާތަކުން ތަމްރީނުވެފައި ތިބި ދިވެހި ޑޮކްޓަރުން ނެތުމުން ކަމަށެވެ.

"ބޭރުން ޑޮކްޓަރުން ހޯދަން ބަލާއިރު މިހާރު ހަދާފައި މި އޮތް ސެލެރީ ސްޓްރަކްޗާގެ ދަށުން އެ ޑޮކްޓަރުންނަށް ދޭންޖެހޭ މުސާރައިގެ ތަފާތުތަކެއް އެބަހުރި. މި ތަފާތު ހުންނާތީ ބިދޭސީ ޑޮކްޓަރުން ހޯދުމުގައި އަޅުގަނޑުމެނަށް ދަތިތަކެއް އެބަހުރި. އެކަމަކު ދިވެހި ޑޮކްޓަރުން އެ ދާއިރާތަކުން ތަމްރީނުވެފައި ނެތީމާ އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވެގެން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.

ކިއު ދިގުވާ އެހެން ސަބަބުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބައެއް ދާއިރާތަކުގެ ސްޕެޝަލިސްޓުންނަކީ ވަރަށް ތަފްސީލު މައުލޫމާތު ނަގައިގެން ޑައިގްނޯސްކުރާ ބައެއް ކަމަށެވެ. އެހެންކަމުން ކޮންސަލްޓޭޝަން ދޭ ވަގުތު ދިގުލައިގެންދިއުމުގެ ސަބަބުން އެ ދުވަހު ބަައްލަވާ އަދަދު މަދުވެގެން ކިއު ދިގުވާ ދާއިރާތައްވެސް ހުރި ކަމަށް ވިދާޅުވިއެވެ.

"ވަން" އަށް ދެއްވި އިންޓަވިއުގައި ހަލީމް ވަނީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުގެ ރޫޓް ކޯޒް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަން ހައްލު ކުރުމުގެ މަސައްކަތްތައް ކުރައްވާ ކަމަށް ވިދާޅުވިއެވެ.