ވެރިފަރާތުން ޕާސްޕޯޓް ނަގަންދާ ނަމަ، އައިޑީކާޑު ގެންދަން ނުޖެހޭ ގޮތަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ނިންމަވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދަން ނިންމާފައިވާ ނިންމުމަށް އަމަލުކުރުމަށް، އިއްޔެ އިން ފެށިގެން އިމިގްރޭޝަންގެ ހިދުމަތްތަކުގެ ތެރެއިން ވެރިފަރާތުން ޕާސްޕޯޓް ބަލައި ދާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު) ނުގެނައި ނަމަވެސް، ވެރިފަރާތަށް ޕާސްޕޯޓް ދޫކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އިލެކްޓްރޯނިކް ޕާސްޕޯޓާ ހަވާލުވާން ވެރިފަރާތުން ހާޒިރުވާނަމަ އައިޑީކާޑު ގެންނަން ނުޖެހޭނެ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޕާސްޕޯޓް ނަގަން ދާއިރު، ބެލެނިވެރިޔާގެ އައިޑީކާޑުގެ ފޮޓޯ ދެއްކުމުން އައިޑީކާޑު ވެރިފައިކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އޭގެ އިތުރުން ނޮން އިލެކްޓްރޯނިކް އަދި އިމަޖެންސީ ޕާސްޕޯޓް ދޫކުރުމުގައިވެސް ވެރިފަރާތުން ޕާސްޕޯޓާ ހަވާލުވާނަމަ އައިޑީކާޑު ގެންނަން ނުޖެހޭނެ ކަމަށާއި ނަމަވެސް މަގުބޫލު އުޒުރެއް މެދުވެރިވެގެން އެހެން ފަރާތަކުން ޕާސްޕޯޓާ ހަވާލުވާނަމަ އިގުރާރު ސިޓީގައި އެ ފަރާތުގެ އައިޑީކާޑުގެ ސީރިޔަލް ނަމްބަރު ޖަހަންވާނެ ކަމަށެވެ. އެއަށްފަހު ޕާސްޕޯޓާ ހަވާލުވުމަށް އައިސް، އެމީހެއްގެ އައިޑީކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައި ކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބޭނުންވަނީ އެ އިދާރާގެ ހިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިމުނުގެ ގޮތުން، އެ ހިދުމަތް ހޯދާ މީހުންގެ އަޑުއަހައި އަދި ދިމާވާ ދަތިތައް ހައްލުކޮށްދީ އިތުރަށް ހަރުދަނާކުރުން ކަމަށް އެ އިދާރާ އިން ބުނެއެވެ.