ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ބޮޑުކުރަން އިއްޔެ ފާސްކޮށްފައިވާއިރު، މުސާރައިގެ ބޮޑުކުރި ބައި ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮމެޓީގެ ނިންމުމާ ގުޅިގެން ރައީސް މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރެއްިޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ. އަދި ބޮޑުކުރާން ބޭނުންފުޅު ނޫންކަމަށްވެސް ވިދާޅުވިއެވެ.

"އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދީންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން،" ރައީސްގެ ޓުވީޓުގައި ވިދާޅވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް 20،000 ރުފިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަށް 18،000 ރުފިޔާ އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަކީ 75،000 ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000 އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.

ކޮމިޓީން މިގޮތަށް ފާސްކުރީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ޖެހޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށް ޓަކައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެ ފަރާތްތަކުގެ މުސާރައަށް ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް ލިބިދީފައިވަނީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ނާއިބު ރައީސަށާއި ފަނޑިޔާރުންނަށާއި، މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ "ވަން"އަށް އިއްޔެ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސްގެ އިތުރުން މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރަތަކަށާއި، ސިވިލް ސާވިސް އާއި އެހެނިހެން ތަންތަނުން، އެ ތަންތަނުގެ މުވައްޒިފުންނަށް މުސާރަ ބޮޑު ކުރުމަށްޓަކައި، ޕޭ ހާމަނައިޒް ކުރުމަށް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި 500 މިލިޔަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.

އެހެންކަމުން އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ކަމަށާއި އަދި އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން ފާސްކުރާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސްގެ އިތުރުން ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އާއި މެންބަރުންގެ އިތުރުން، ކޯޓުތަކުގެ ފަނޑީޔާރުންނާއި، މޭޔަރުންނާއި ކައުންސެލަރުންނާއި، މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމު ތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށްވެސް ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.