ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ފިޔާ އެތެރެކޮށް، ކޮންޓްރޯލް އަގެއްގައި ހޯލްސޭލަރުންނަށް ފިޔާ ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކުރުމުގެ ސަބަބުން، ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލިފައިވާ ކަމަށެވެ. އެގޮތުން މި ހިނގާ މަހާ ހަމައަށް އައި އިރު، ރާއްޖޭގެ ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު ހުރީ 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގައި ކަމަށް އެސްޓީއޯ އިން ބުންޏެވެ. ފިޔާ ބަސްތާގެ އަގު އެހާ މައްޗަށް އުފުލުމުން އެކަމުގެ ޝަކުވާ އެސްޓީއޯއަށް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން މިހާރު ވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް ފިޔާ އެތެރެކުރަން ފަށާފައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.

"ފުރަތަމަ ޝިޕްމެންޓުގެ ގޮތުގައި 4،500 ބަސްތާގެ ފިޔާ ވަނީ އެތެރެކުރެވިފައެވެ. މިގޮތުން އެތެރެކުރެވޭ ފިޔާ އާންމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުންނެވެ. ވިޔަފާރިތަކަށް ފިޔާ ދޫކުރަނީ އެސްޓީއޯ އިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް، ޝަރުތުކުރުމަށްފަހުއެވެ. އެސްޓީއޯއިން އިލްތިމާސް ކޮށްފައިވަނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާ އަށްވުރެ ބޮޑު ނުވާނެ އަގެއްގައި ވިއްކުމަށެވެ..،" އެސްޓީއޯއިން ބުންޏެވެ.

އެކަމުގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުން ކަމަށާއި ފިޔާގެ ސަޕްލައި ޝޯޓޭޖު މައްސަލައަށް ހައްލު ލިބިގެން އަންނަންދެން، އަދި ބާޒާރުގެ އަގު ކޮންޓްރޯލްވަންދެން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައިކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.