ދިވެހި މަސްވެރިކަމުގެ ހާއްސަ ބްރޭންޑެއް ތައާރަފުކޮށް މާކެޓުކުރުމަށް އާ ކުންފުންޏެއް އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވި ކަންތައްތަކުގެ ތަފްސީލު ދެއްވައިފައެވެ.

އޭގެ ތެރެއިން ކެބިނެޓުން ނިންމަވާފައިވާ އެއް ނިންމުމަކީ ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަންގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމެވެ. އެއީ ށ. ފުނަދޫގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި މިދިޔަ އޯގަސްޓް މަހުގެ 23ގައި ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.

"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް، އެކުއަ ކަލްޗާ، މެރިކަލްޗާ ފަދަ ކަނޑުގެ ހުރިހާ ރިސޯސަސްތައް ހިމެނޭގޮތަށް އިސްތިހާރުކޮށް އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، އެތަކެތި ޕްރީމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި، ގައުމީ އަދި ބައިނަލްއަގުވާމީ މާކެޓުތަކަށް ނެރުމާއި، އެ އުފެއްދުންތަކަށް އާ މާކެޓުތައް ހޯދުމަށް މަސައްކަތްކުރާނެ ވަކި އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ނަމުގައި 100 އިންސައްތަ ދިވެހި ސަރުކާރުގެ ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން މިއަދު މިވަނީ ނިންމަވާފައި،" ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ އެ ކުންފުނި އުފެއްދުމަށްޓަކައި ބޭނުންވާނެ ކަމަށް ހުށަހަޅާފައިވާ 37 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށާއި އެއާއެކު ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑު އުވާލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި އެހެން ނިންމުންތަކުގެ ތެރޭގައި ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމުމާއި، އަންނަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ސިޔާސަތު ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ތަންފީޒުކުރަން ފެށުމުގެ އިތުރުން ވައިޑް-ބޮޑީ އެއާކްރާފްޓް ހިދުމަތް އައިލެންޑް އޭވިއޭޝަނުން ފަށައިގަތުމަށް ބޭނުންވާނެ ފަންޑް ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފައެވެ.