އަންނަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވި ކަންތައްތަކުގެ ތަފްސީލު ދެއްވައިފައެވެ.

އޭގެ ތެރެއިން ކެބިނެޓުން ނިންމަވާފައިވާ އެއް ނިންމުމަކީ ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެއީ ބ. އޭދަފުށީގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި މިދިޔަ އޯގަސްޓް މަހުގެ 30ގައި ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.

"ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން މިވަނީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައި. އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުން. އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިވަނީ ކަނޑައަޅުއްވާފައި،" ޝަހީބު ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމި އެހެން ނިންމުންތަކުގެ ތެރޭގައި ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމުމާއި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމަށް ވެސް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ސިޔާސަތު ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ތަންފީޒުކުރަން ފެށުމުގެ އިތުރުން ވައިޑް-ބޮޑީ އެއާކްރާފްޓް ހިދުމަތް އައިލެންޑް އޭވިއޭޝަނުން ފަށައިގަތުމަށް ބޭނުންވާނެ ފަންޑް ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފައެވެ.