ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކުލާހަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސަޕޯޓް ކުލާހަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމް، މަލްޓި ފަންކްޝަނަލް ޕްރިންޓަރު، ހެޑްސެޓް، ކްލާސްރޫމް ސެޓްއަޕަށް ބޭނުންވާ ބީންބޭގްތައް އަދި ފްލޯމެޓް ހިމެނޭ ކަމަށާއި އޭގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކްލާސްރޫމް ސެޓަޕް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުލާސްރޫމަށް ލިބުނު ތަކެތިން އެ ކުދިންގެ ކިޔަވައިދިނުމަށް ހެޔޮ ބަދަލެއް ގެނެވި، އިންކްލޫސިވް އެޑިއުކޭޝަން އެ ކުދިންނަށް ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުން އަންނަ މަސަައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އިވެންޓުގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓާ، ކަސްޓަމާ ސާވިސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ ވިދާޅުވީ، އެއްވެސް ކުއްޖަކު ބާކީނުކޮށް މުޅި މުޖުތަމައު ޝާމިލުވާގޮތަށް އިންކްލޫސިވް އެޑިއުކޭޝަން ގާއިމުކުރުމުގެ މުހިންމު ކަމަށާއި އަދި ކޮންމެ ކުއްޖަކަށްވެސް ކުރިއެރުން ލިބޭނެ މާހައުލެއް ބިނާކުރުމަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ދޭ އަހައްމިއްޔަތު ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ދިރާގުގެ އިތުރުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މެނޭޖްމަންޓާއި ދަރިވަރުންނާއި ބެލެނިވެރިން އަދި ދިރާގު ތިނަދޫ އޮޕަރޭޝަން ސެންޓަރުގެ މުވައްޒަފުން ބައިވެރިވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމައަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމައުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.