ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި ގާއިމުކުރާ ބަޔަކަށް ދިވެހީން ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަސޭހަތްތެރިވެ ވަވަޑައިގެންފިއެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމަށާއި އެގޮތުގައި އެ މަނިކުފާނު ދެމި ހުންނަވާނެ ކަމަށެވެ. އަދި މި ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓައި، އިސްލާމް ދީނަށް ނަސްރުދީ، އިސްލާމް ދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހިން އަހުލުވެރިވާން ކަމަށް ވިދާޅުވިއެވެ.

މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އެއް ތަނބަކީ ފަރުޟު ފަސް ނަމާދުކަން ފާހަގަކުރައްވައި ރައީސް ވަނީ ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ގާއިމުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ދިވެހިންނަކީ ތެދުވެރި އަދި ވައުދަށް ކަމޭހިތާ ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ހާއްސަކޮށް ފަތިސް ނަމާދުގެ ޖަމާއަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއްވުމަކީ އަޅުގަނޑުގެ ހިތުގެ ދުއާއެއް. ޝައްކެއް ނެތް. ނަމާދުގެ ޖަމާއަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެނަމަ، އަޅުގަނޑުމެންގެ ގައުމު ނިކަން ވަރުގަދަވާނެ. އުފާވެރިވާނެ. ބާއްޖަވެރިވާނެ." ރައީސް ވިދާޅުވިއެވެ.