ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މަހަކު އެއްފަހަރު ދޭ "އެމްޕްލޯއީ ސްޓާ އެވޯޑްސް" 20 މުވައްޒަފަކަށް ދީފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އެވޯޑްތައް ލިބުން މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކުރީ ބޭންކުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކައެވެ.

ބީއެމްއެލްގެ "އެމްޕްލޯއީ ސްޓާ އެވޯޑްސް" ދޭ މުވައްޒަފުން ހޮވަނީ، އެވޯޑަށް ހުށަހެޅޭ މުވައްޒަފުންގެ ތެރެއިން، ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުނަށެވެ. މީގެއިތުރުން ތައުލީމާއި ކުޅިވަރުގެ އިތުރުން އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަގަކޮށް ވެސް އެވޯޑް ދެއެެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެމްޕްލޯއީ ސްޓާ އެވޯޑްސް އާއެކު ބޭންކުގެ ކަސްޓަމަރުންނާއި ބޭންކުގެ ހިދުމަތް ލިބޭ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ބޭންކުގެ މުވައްޒަފުން ކުރާ ބުރަ އަދި ފަރުވާތެރި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

ބީއެމްއެލްގެ "އެމްޕްލޯއީ ސްޓާ އެވޯޑްސް" ތައާރަފު ކުރީ 2017 ވަނަ އަހަރުއެވެ. އެ އެވޯޑްގެ އިތުރުން، ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ސްޓާފް އެވޯޑްސް' އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ލޯންގް ސާވިސް އެވޯޑްސް' ވެސް ބޭންކުންދެއެވެ.