ފަތުރުވެރިންގެ މެދުގައި މަގުބޫލު ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް ފީނަން ގޮސް އުޅުނު މީހެއްގެ ގައިގާ މިޔަރެއް ދަތް އަޅައިފިއެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުވައްމުލަކު ސިޓީ ކައުންސިލުގެ އޮފިޝަލަކު "ވަން" އަށް ވަނީ ޔަގީންކޮށްދީފައެވެ.

އެނގިފައިވާ ގޮތުގައި، މިޔަރު ހަމަލާ ދީފައިވަނީ ޑްރައިވިން އިންސްޓްރަކްޓަރަކަށެވެ. އޭނާއަށް މިޔަރު ހަމަލާ ދިނީ ގެސްޓުންނާއެކު މިއަދު ހަވީރު ފީނަން ގޮސް އުޅުނު ވަގުތު، މިޔަރަށް ކާން ދޭން އުޅެނިކޮށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި ނަމަވެސް އެ ހޮސްޕިޓަލުން މީޑިއާއަށް މައުލޫމާތު ދޭން ކަނޑައަޅާފައި ހުންނަ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ، އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.