އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިއްޔެ އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.

މި މަހުގެ ތިން ވަނަ ދުވަހު ހެނދުނު ދިގުރަށު ކުނިގޮނޑުން އެ ކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ. އެ ކުއްޖާ ފެނުނީ އެ ރަށުގެ ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު، ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކައި ކޮތަޅުތަކުން ކުނި ނަގަނިކޮށެވެ.

އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ މަންމަ ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެއީ ސްރީ ލަންކާ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ ދިގުރަށުން މާލެ އައިސް، ލަންކާއަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓައެވެ.