ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާ ބޮޑުހިލަ ބަރުކޮށްގެން ދަނިކޮށް، ފަރަށް އެރި ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން އައި "އޮލިމްޕިކް ކަންޑިލޯ" ނަމަކަށް ކިޔާ އެ ބާޖު ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް ކައިރި ކުރުމުގެ ތެރޭގައި ފަރަށް އެރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
އެ ހާދިސާގެ ސަބަބުން ބާޖަށް ބަރުކޮށްފައިވާ ބޮޑު ހިލަތައް ފަރު މައްޗަށް އެޅުނެވެ.
ނަމަވެސް ފަރަށް ނާރާ ކަމަށް ބުނެ އެ ބާޖު ރާއްޖޭން ފިލާފައިވާއިރު، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ މައްސަލަ ތަހުގީގު ނުކުރަނީސް ބާޖު ފުރައިގެން ދިޔަ މައްސަލަ ފުލުހަށްވެސް ހުށަހަޅައިފައެވެ.
އީޕީއޭ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ ބާޖު އެރި ފަރު މައްޗަށް ބޮޑު ހިލަތައް އެޅުމުގެ ސަބަބުން އެ ފަރުގެ 4306އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަރުގެ އެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ސާވޭ އިން ދައްކާ ކަމަށެވެ.
އީޕޭއޭ އިން ބުނި ގޮތުގައި އެ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅި ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 162.7 މިލިއަން ރުފިޔާއެވެ.
ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ކަމުން އެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން އެއް މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އިއްޔެ އަންގާފައިވާ ކަމަށް ބުންޏެވެ.
އަދި ލިބުނު ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހާ އެކު ފަށާފައިވާ ކަމަށްވެސް އީޕީއޭ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު