ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އައްޔަންކުރައްވައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަންކުރެއްވީ މިއަދު ކަމަށެވެ.

ވައިސް ޗީފް އޮފް ޑިފެންސްފޯސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފެވެ. އެ މަގާމު ހުސްވެފައި އޮތީ ރައީސް މުއިއްޒު ހުވާކުރެއްވި ދުވަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރެއްވުމުންނެވެ.

ޗީފް އޮފް ޑީފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އައްޔަންކުރައްވަނީ ރައީސްއެވެ.