ދިވެހި މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެނަށް ބޭނުންވާ ޑޮލަރު ލިބޭނެ ފަސޭހަ ނިޒާމެއް މިފްކޯއިން ހަމަޖައްސައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ.
މަސްވެރިކަމުގެ ސިނާއަތަކީ ޒާމާނުއްސުރެ ރާއްޖެއަށް ބޭރު ފައިސާ ވަންނަމުންދާ މުހިންމު އެއް ސިނާއަތްކަން ފާހަގަކޮށް އެ ގަރާރުގައި ވަނީ، މަސްވެރިންނަކީ ރެއާއި ދުވާލު 24 ގަޑިއިރު ކަނޑުމަތީގައި ރާއްޖޭގެ އިގުތިސާދު ކުރިއަރުވަން މަސައްކަތް ކުރަމުންދާ ބައެއް ކަމަށެވެ.
މިފްކޯގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ވެސް މަސްވެރިކަމުގެ ސިނާއަތަށް ހުއްޓުމެއް ނެތި 24 ގަޑިއިރު މި ސިނާއަތަށް ގައުމީ ހިދުމަތެއްގެ ގޮތުގައި ހިދުމަތް ކުރަމުންދާ ބައެއް ކަމަށާއި މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ދަރިން ރާއްޖޭން ބޭރުން ތައުލީމު ހާސިލުކުރުމަށާއި ބޭސްފަރުވާއާއި ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ރާއްޖެއިން ބޭރުން ހޯދަންޖެހޭ ހިދުމަތްތައް ހޯދުމަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ މަސްވެރިންނާއި އެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ގަރާރުގައި ސައުދު ގޮވާލައްވާފައިވަނީ، މިފްކޯގެ މުވައްޒަފުންނަށް ދެވޭ މުސާރައިގެ 60 ޕަސެންޓް ޑޮލަރުން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި މުވައްޒަފުންނާއި އެ މީހުންގެ ދަރިން ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކުރުމަށާއި ހައްޖު އަދި އުމްރާއަށް ދިއުމަށް ބޭނުންވާ ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު