މިއަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގެ ބަހުސް ނިންމާލައި މާދަމާ ވޯޓަށް އެހުމަށް ނިންމައިފިއެވެ.
މިއަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި އެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރަން ފަށާފައިވަނީ އިއްޔެއެވެ. ކޮމިޓީ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ބަޖެޓް ކޮމިޓީގެ ނައިބު މުގައްރިރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.
ބަޖެޓް ރިޕޯޓަށް ބަހުސް ހުޅުވައިލައްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައި ވަނީ ބަޖެޓް ރިޕޯޓުގައި ބަހުސްކުރަން ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ބަޖެޓް ބަހުސްގައި ވާހަކަދައްކަވަން ބޭނުންވާ ހުރިހާ މެންބަރުން ވާހަކަދައްކަވައި ނިމެންދެން ބަހުސް ކުރިއަށް ގެންދިއުމަށް ޓަކައި މިއަދު 5:00 އާ ހަމައަށް މަޖިލިސް ޖަލްސާގެ މުއްދަތު އިތުރުކުރަން ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މާދަމާގެ ނިޔަލަށް ބަހުސް ނިންމުމަށް ޓަކައި މާދަމާގެ ޖަލްސާގެ ވަގުތު އިތުރުކުރަން ޖެހިއްޖެނަމަ މާދަމާ ޖަލްސާގެ ވަގުތު އިތުރުކުރަން މާދަމާ ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ 44 މެންބަރަކު ވަނީ ބަޖެޓަށް ބަހުސްކުރައްވައިފައެވެ. މެންބަރުން ބަހުސްކުރައްވަިއ ނިމުމުން އަސްލަމް ވިދާޅުވީ ބަޖެޓަށް މާދަމާގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ފަރާތުން މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީން ގެނައި ބަދަލުތަކާއެކު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައި ވަނީ 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ހުށަހެޅި ބަޖެޓަށްވުރެ 306،109،915 ރުފިޔާގެ އިތުރުވުމެކެވެ.
ބަޖެޓަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ގެނައި ބަދަލު ހިމެނެއެވެ. ސަރުކާރުން ވަނީ އެ މަޝްރޫއަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައެވެ. އެ މަޝްރޫއު ހުށަހަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު