ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ސުވާލު ކުރަން ދިން ފުރުސަތުގައި، އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދަށް ވަގަށް ގޮވައި މުއާމަލާތްކުރި ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ނަން އިއްވައި ޖަލްސާއިން ނިކުންނަން އަންގައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، އޮތީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރުމަށް ނިމިދިޔަ ސަރުކާރުން ނިންމައ،ި އެ ސަރަހައްދުގައި ތެޔޮ ސްޓޯރޭޖެއް ގާއިމުކޮށް ބަންކަރިންގެ ހިދުމަތް ފެށުމަށް ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކުންފުންޏާ އެކު ސޮއިކޮށްފައިވާއިރ،ު އެ މަސައްކަތާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ކުރީ ސަރުކާރުން ނިންމި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމާބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމް މިނިސްޓަރާ ސުވާލު ކުރެއްވުމެވެ.

އެ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު ސައީދު މަޖިލީހަށް ވަޑައިގެން އިންނެވުމުން، ޖަލްސާ ފެށުމާއެކު ޖާބިރު ގެންދެވީ މިނިސްޓަރަށް ނިސްބަތް ކުރައްވައި އަޑުގަދަ ކުރައްވަމުންނެވެ. އެކަމާ ގުޅިގެން، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ޖަލްސާގެ ރިޔާސަތުން މަޖިލީގެ ރައީސް މުހައްމަދު އަސްލަ ޖާބިރަށް އެންގެވިއެވެ.

މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވައިލެއްވުމާއެކު ޖާބިރު ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އެ މައްސަލައިގައި އޭނާ ވިދާޅުވީ، ހަނދާނަން އަންނަނީ، މީގެކުރިން (ރައީސް ޔާމީންގެ ވެރިކަމުގައި) ސައީދުގެ އިކޮނޮމިކް މިނިސްޓަރު ކަމުގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ކަމަށެވެ. އެމްއެމްޕީއާރުސީން ކުރި ވައްކަން ކޮބައިތޯ އައްސަވައި ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.

ޖާބިރުގެ ނިޒާމީ މައްސަލައާ ގުޅިގެން އަސްލަމް ވިދާޅުވި، މަޖިލީހުގައި ނިޒާމީ މައްސަލަ ނެންގެވުމަށް ވަކި ހަމަތަކަކާއި އުސޫލުތަކެއް އޮންނަން ކަމަށެވެ. އެހެން ކަމުން ޖާބިރު ނެންގެވީ ނިޒާމީ މައްސަލައެއް ކަމަށް ބަލައި ނުގަންނަވާ ކަމަށެވެ. މަޖިލީހުގައި އިތުރު ވާހަކަ ދެއްކެވުމަށް ނިޒާމީ މައްސަލަ ނުނެންގެވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

އިތުރު ސުވާލު ކުރަން އޮންނަ ވަގުތުގައި މިނިސްޓަރާ ސުވާލު ކުރުމަށް ޖާބިރަށް ދެއްވި ފުރުސަތުގައި ފުރަތަމަވެސް ސުވާލު ކުރެއްވީ ކުރީގެ ރައީސް ޔާމީނާއެކު ކިތައް ވައްކަމުގައި ބައިވެރިވިންތޯއެވެ. ޔާމީން ކުރެއްވި ވައްކަމުގައި ސައީދުގެ ހިއްސާ ނެތީ ކީއްވެގެންތޯ، އާއި ވަލު ދޮރާށިން މަޖިލީހަށް ވެންނެވީ ކީއްވެގެންތޯ، އާއި މީގެކުރިން އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު، ވައްކަން ކުރައްވާފައިވާ ކަމަށާއި، ދައުލަތަށް ގެއްލުންދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީ މައްސަލައިގައި ކުރީގެ ނާއިބު ރައީސް އަދީބު ޖަލަށްލާފައި ހުންނެވިއިރު ސައީދު ހުންނެވީ ކޮންތާކުތޯވެސް ސުވާލު ކުރެއްވިއެވެ. މިނިސްޓަރު ސައީދަށް މަޖިލީހުން ރުހުމެއް ނުލިބޭނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ވަކި ހިސާބަކުން ޖާބިރުގެ ވާހަކަ ހުއްޓުވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، އެ ސުވާލަކީ މަޖިލީހުގެ ގަވާއިދުގައިވެސް އަދި ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގައި ބުނާ ހަމަތަކުގެމަތިން ކުރެއްވި ސުވާލެއްނޫން ކަމަށެވެ. އެހެންކަމުން އެ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރަށް ފުރުސަތު ނާރުވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އެކަމާ ހިތްހަމަޖެހިވަޑައިނުގެން ޖާބިރު ޖަލްސާގައި އަޑުގަދަކުރައްވައި، ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން މަޖިިލިސް ރައީސަށް ވަރަށް ގިނަ އެއްޗެހި ކިއުއްވިއެވެ. އަދި މިނިސްޓަރު ސައީދު އިންނެވި ގޮނޑިކޮޅު ކައިރިއަށް ވަޑައިގެން އަތް އުއްކަވައި ވަރަށް އެއްޗެހި ކިއުއްވިއެވެ.

އެކަމާ ގުޅިގެން ޖާބިރުގެ ނަން އިއްވަވައި ޖަލްސާއިން ނިކުންނެވުމަށް މަޖިލިސް ރައީސް ޖާބިރަށް އެންގެވިއެވެ. ނަމަވެސް ޖާބިރު ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އެދިމާލުން ތިރީގައި އިށީނދެވަޑައިގެން އަޑުގަދަ ކުރައްވަން އިންނެވިއެވެ.

ނަން އިއްވެވުމުންވެސް ޖަލްސާއިން ޖާބިރު ނުނިކުންނެވުމުން، ޖަލްސާގައި އިންނެވި ނަމަވެސް ޖާބިރަކީ ޖަލްސާގައި ނެތް ބޭފުޅެއްކަމަށް ބައްލަވައިގެން ޖަލްސާ ކުރިއށް ގެންދަވަން މަޖިލިސް ރައީސް ނިންމެވިއެވެ.