މިސްކިތް ބިނާކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް ބިން ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިޔަފާރިވެރިންގެ ތެރެއިން އެކަކު ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަން ބޭނުންވާ ނަމަ ބިން ހަމަޖައްސައިދޭން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި ރަށްތަކާއި އަތޮޅުތައް އަދި ސިޓީތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅޭ އިތުރު ތަފުސީލެއް ޝަހީމް ނުދެއްވައެވެ.
މިސްކިތް ފަންޑަށް ފައިސާ ހޯދަން އިތުރު ވަގުފު އިމާރާތެއް ހެދުމުގެ މަސައްކަތް އަންނަ ޖެނުއަރީގައި ކުރައްވާނެ ކަމަށް މިނިސްޓަރު މީގެ ކުރިން އިއުލާން ކުރައްވައިފައެވެ. އެގޮތުން އަތޮޅުތަކާއި ރަށްތަކުގައި އެކަން ގިނަ ބަޔަކާ ގުޅިގެންވެސް ކުރެވިދާނެ ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.
ވަގުފު ފަންޑަކީ މިސްކިތް އިމާރާތްކޮށް، އެ ތަންތަން މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގާ ފަންޑެކެވެ. މާފަންނު މަދަރުސާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތް ކޮށްފައި ހުންނަ ފުރަތަމަ ވަގުފު އިމާރާތުގެ މަސައްކަތް ފެށީވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝަހީމްގެ މިނިސްޓަރުކަމުގައެވެ.
މިސްކިތް ހަދަން ވިޔަފާރިވެރިންނަށް ބިން ދޫކުރަން ނިންމަވާފައިވާއިރު، ބ. ދަރަވަންދޫއާއި ދ. ހުޅުދެލީގައި އިމާރާތް ކުރަން މިއަދު ބަޔަކާ ހަވާލުކޮށްފައިވެއެވެ. އެއީ 300 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ.
ޚަބަރު
ޚަބަރު
ޚަބަރު