އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި އެ ކޮމިޓީގެ ރިޕޯޓަށް މިއަދު ބަހުސް ފަށައިފިއެވެ.
ކޮމިޓީ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ބަޖެޓް ކޮމިޓީގެ ނައިބު މުގައްރިރު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ.
ބަޖެޓް ރިޕޯޓަށް ބަހުސް ހުޅުވައިލައްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައި ވަނީ ބަޖެޓް ރިޕޯޓުގައި ބަހުސްކުރަން ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި ބަޖެޓް ބަހުސްގައި ވާހަކަދައްކަން ބޭނުންވާ ހުރިހާ މެންބަރުން ވާހަކަދައްކާ ނިމެންދެން ބަހުސް ކުރިއަށް ގެންދިއުމަށްޓަކައި މިއަދު 5:00 އާ ހަމައަށް މަޖިލިސް ޖަލްސާގެ މުއްދަތު އިތުރުކުރަން ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މާދަމާގެ ނިޔަލަށް ބަހުސް ނިންމުމަށްޓަކައި މާދަމާގެ ޖަލްސާގެ ވަގުތު އިތުރުކުރަން ޖެހިއްޖެނަމަ މާދަމާ ޖަލްސާގެ ވަގުތު އިތުރުކުރަން މާދަމާ ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ބަހުސްގައި ވާހަކަދައްކަން މެންބަރަކަށް ފުރުސަތު ލިބޭ ގަޑީގައި މަޖިލިސް ތަޅުމުގައި އިންނެވުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ވަގުތުގައި މެންބަރު ނެތް ނަމަ ލިސްޓު ތަރުތީބު ކުރަން ބޮޑެތި ދަތިތަކެއް ކުރިމަތިވާތީ، ބަހުސްގެ ވަގުތުގައި މަޖިލިސް ތަޅުމުގައި މެންބަރު ނެތް ނަމަ، އެ ބޭފުޅެއްގެ ނަން ބަހުސް ކުރައްވާ މެންބަރުން ހިމެނޭ ލިސްޓުގެ އެންމެ ފަހަތަށް ޖައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ބަޖެޓް ރިޕޯޓަށް ދެ އިސްލާހު ހުށަހަޅާފައިވާ ކަމަށާއި އެ އިސްލާހުތަކަށް ވޯޓަށް އަހާނީ ބަޖެޓް ރިޕޯޓަށް ވޯޓަށް އަހާއިރުގައި ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީން ގެނައި ބަދަލުތަކާއެކު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައި ވަނީ 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ހުށަހެޅި ބަޖެޓަށްވުރެ 306،109،915 ރުފިޔާގެ އިތުރުވުމެކެވެ.
ބަޖެޓަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ގެނައި ބަދަލު ހިމެނެއެވެ. ސަރުކާރުން ވަނީ އެ މަޝްރޫއަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައެވެ. އެ މަޝްރޫއު ހުށަހަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު