ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ހިންގަމުން އަންނަނީ އޯވާ ސްޓާފްކޮށް ކަމަށާއި އެހެން ނަމަވެސް މުވައްޒަފުން ވަކި ނުކުރައްވާނެ ކަމަށް އެ ކުންފުނީގެ އާ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ މުވައްޒަފުން ގިނަ ނަމަވެސް ވަކިކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި އޭގެ ބަދަލުގައި އެ މުވައްޒަފުން ޓެކްނިކަލް ދާއިރާތަކުން ޓްރެއިން ކުރައްވާނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން އެ މުވައްޒަފުން ބޭނުންކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ ބޭނުންވާ ޓްރެއިނިން ދީގެން ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ 10 އަހަރު ކުރިން އެ ކުންފުންޏަކީ ޓެކްނިކަލް މުވައްޒަފުން އެންމެ ގިނަ އެއް ކުންފުނި ކަމަށެވެ. ނަމަވެސް މިހާރު އެގޮތެއް ނޫން ކަމަށާއި، ކުންފުންޏަށް ބޭނުންވާ ވަރަށް ޓެކްނިކަލް ސްޓާފުން ނެތް ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ ރާއްޖޭން ބޭރުން ސްކޮލާޝިޕް ދީގެން ކިޔަވަން މީހުން ފޮނުވުން. މުވައްޒަފުން އިތުރަށް ޓްރެއިންކޮށް، މި ދާއިރާއަށް ނުކުންނަން ޒުވާނުންނަށްވެސް ފުރުސަތު ދީ، ސްކޮލާޝިޕް ދީގެން މުސްތަގުބަލަށް މީހުން ބިނާކުރުން،" ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީއަކަށް އައްޔަންކުރެއްވުމުގެ ކުރިން ފަހުމީ 25 އަހަރު ސްޓެލްކޯގައި މަސައްކަތްކުރެއްވިއެވެ. އެކަމަށް އަލިއަޅުއްވާލައްވައި ފަހުމީ ވިދާޅުވީ މިއަދު އެ ކުންފުނީގެ އިސްވެރިންގެ ގޮނޑިތަކުގައި ތިއްބެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ އޭރު ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން، މުވައްޒަފުން ތަމްރީނުކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމުން ކަމަށެވެ.

ފަހުމީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވަން ނިންމަވާފައިވާ ބައެއް ޕްރޮޖެކްޓުތަކުގައި ސްޓެލްކޯއިންވެސް ދައުރެއް އަދާކުރަން ޖެހޭ އިރު، ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކޮށްގެން ބޭނުންކުރެވިދާނެ ކަމަށެވެ.