އިތުރު 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ ކާރުހާނާއެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީރުމާގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މި ދާއިރާއިން އިންވެސްޓް ކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދެވޭނެ ކަމަށާއި އަދި އެނޫންވެސް މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދެވިގެންދާނެ ކަމަށެވެ.
"ފެލިވަރު ކާރުހާނާ އިތުރަށް ތަރައްގީކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، އިތުރު 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތް ހިމެނޭ. މިއީ މިފްކޯއިން އަގު އެއްކުރެވިގެން އެކްސްޕޯޓް ކުރާ ދަޅުމަހުގެ ބާވަތްތަކުގެ މިންވަރު އިތުރުކުރުމަށް އޮތް ވަރަށް މުހިންމު ފުރުސަތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ، މި ސަރުކާރުގެ ވަރަށް ހާއްސަ އަމާޒެއް ކަމަށާއި އެ މައްސަލައަށް ބަލައިލާ އިރު، ރާއްޖެއިން ދިވެހި ކަނޑުމަސް ބޭރުކުރެވޭ އެއްގޮތަކީ ގަނޑުކޮށްގެން ރޯމަހުގެ ގޮތުގައި ބޭރުކުރުން ކަމަށެވެ. އަދި އެގޮތަށް މަސް ބޭރުކުރުމުން ލިބޭ އަގަށްވުރެ މަތީ އަގު ލިބޭ ގޮތްތައް ހުންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އޭގެ ތެރެއިން އެއްގޮތަކީ، އެ މަސް ބާނަނީ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަން އެނގޭހެން އެ މަސް ބޭރުކުރުން. ދިވެހީން ޒަމާނުއްސުރެ މަސްބާނައި އުޅޭ ސަގާފީ ގޮތް އެނގޭނޭހެން ދިވެހިރާއްޖޭގެ ނަމުގައި އެ މަސް ބޭރުކުރުން. މިއީ ބޭރުގެ ގައުމުތަކަށް ދިވެހި ކަޅުބިލަމަސް ވިއްކުމުގައި، އޭގެ އަގަށް އިތުރަށް ގެނެވޭނެ އިތުރުކުރުމަކަށް ވެގެންދާނެ. އަޅުގަނޑުމެން މިގޮތް ހިޔާރުކުރަން. އޭރުން ރާއްޖެއަށް ރީތި ނަން އިތުރަށް ލިބިގެންދާނެ. ދިވެހި މަސްވެރިންނަށް ބޭރު ގައުމުތަކުގެ ތާރީފު ލިބިގެންދާނެ. އަދި ލިބޭ އާމްދަނީ އިތުރުވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހި ކަޅުބިލަ މަހުގެ 65 އިންސައްތަ ބޭރުކުރެވެނީ ގަނޑުކުރި މަހުގެ ގޮތުގައި ބޭރުގެ ކޭނެރީތަކަށް ކަމަށާއި އެގޮތަށް ކަންތައްތައް އޮތުމުން، ތިމާވެށްޓާ ރަހުމަތްތެރިކޮށް ދިވެހި މަސްވެރިން ބާނާ މަހުގެ ބޮޑު ފައިދާއެއް ނާޖާއިޒު ގޮތުގައި ނަގަނީ އެހެން ފަރާތްތަކުން، ބޭރުގެ މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން ކަމަށެވެ. އަދި އެ ފައިދާ ޖާއިޒުގޮތުގައި ދިވެހި މަސްވެރިންނަށް ލިބޭނެގޮތަކަށް ނިޒާމު ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު