އިންޑިއާއިން ރާއްޖެއަށް، ފިޔާ ލިބޭނެތީ އަގުބޮޑުކޮށް ފިޔާ ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން އެދިއްޖެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ އިންޑިއާއިން ވަނީ އެ ގައުމުން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު 20 ޕަސަންޓާއި 50 ޕަސަންޓާ ދެމެދު އުފުލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ފިޔާ އަގުބޮޑުވުމުގެ ސަބަބުން އާންމު ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

"ފިޔާ އަދި އެހެނިހެން ޒަރޫރީ ބާވަވްތައް ރާއްޖެއަށް އިމްޕޯޓުކުރުމުގައި އެއްވެސް ދަތިކަމެއްނެތެވެ. އަދި ޒަރޫރީ ބާވަތްތައް ރާއްޖެއަށް އިމްޕޯޓުކުރުމަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެ ހާލަތެއްގައި މިކަމަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. ވީމާ އާންމުންނަށް ދަތިވާފަދަގޮތަށް ބާޒާރުގައި ފިޔާގެ އަގު މަތިނުކުރުމަށް މި މިނިސްޓްރީން އިލްތިމާސްކުރަމެވެ..،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އިންޑި އިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރީ މޫސުމީ ގޮތުން އެ ގައުމަށް ކުރިމަތިވެފައިވާ ހާލަތަކާ ގުޅިގެން ކަމަށެވެ. ފިޔާ އެކްސްޕޯޓް ކުރުން އިންޑިއާއިން މަނާކުރި ނަމަވެސް ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިވާނެ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމުގެ ޔަގީންކަން އިންޑިއާއިން ވެސް ދީފައިވާ ކަމަށް ބުންޏެވެ.