މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެރިޓް އެވޯޑު، ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.

އެމްއޭސީއެލްގެ މެރިޓް އެވޯޑް ލިބުނު ދަރިވަރުންނަކީ އިބްރާހީމް ރިފާއު، ހަސަން ލަޔާން މުހައްމަދު، އަފާފް އަހުމަދު މުސްތަފާ އަދި އައިޝަތު އީޝަލް އަހުމަދު އަސްލަމްއެވެ. އެ ދަރިވަރުންނަށް އެވޯޑް ދީފައިވަނީ އެމްއޭސީއެލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މެރިޓް އެވޯޑަކީ، އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ސީއެޗްއެސްއީ އިން ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ދެ އަންހެން ދަރިވަރަކަށާއި ދެ ފިރިހެން ދަރިވަރަކަށް ދޭ އެވޯޑެކެވެ. އެ އެވޯޑާއެކު އެ ދަރިވަރުންނަށް ލެޕްޓޮޕެއް، ޑޭޓާ ޕެކޭޖް އަދި އެއް އަހަރުދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު 2،000 ރުފިޔާގެ އެލެވަންސެއް އެމްއޭސީއެލުން ދޭނެއެވެ. އަދި އެވޯޑް ލިބުނު ދަރިވަރުންގެ ތެރެއިން، އެ ދަރިވަރަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވީ، މެރިޓް އެވޯޑަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ތައުލީމު ކުރިއެރުވުމަށް ކުރާ ހަރަދެއް ކަމަށާއި އެކަމުގެ ސަބަބުން ތައުލީމު އުނގެނުމަށް ދަރިވަރުންގެ މެދުގައި އާ ރޫހެއް އުފެދިގެންދާނެ ކަަމަށެވެ. ވީއައިއޭގައި މިވަގުތު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާތީ ކުރިއަށް އޮތް ތަނުގައި މުވައްޒަފުން ބޭނުންވާނެ ކަމަށެވެ. އަދި ސީއެޗްއެސްއީ ނިންމާ ދަރިވަރުން، އެ ވަޒީފާތަކަށް ކުރިމަތިލާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތްތާނގައި ކުންފުނީގައި ހުރި ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގެ ގޮތުން ސްކޫލް ނިންމާ ދަރިވަރުންނަށް ހާއްސަކުރެވޭ އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފުކުރެވި އެ ފުރުސަތު ހުޅުވާލާނަން،" އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވީ، އެމްއޭސީއެލްގެ މެރިޓް އެވޯޑުގެ ސަބަބުން ދަރިވަރުންނަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. މިއީ އެ ސްކޫލުގެ ދަރިވަރުންނަށް އިސްނަގައިގެން އެފަދަ އެވޯޑެއް ދިން ފުރަތަމަ ފަހަރު ކަމަށާއި އެކަމަށްޓަކައި އެމްއޭސީއެލްއަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެމްއޭސީއެލް މެރިޓް އެވޯޑުގެ އިތުރުން އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑަށް މިއަހަރުން ފެށިގެން ފައިސާގެ އިނާމެއް ވެސް އެމްއޭސީއެލުން ދަނީ ދެމުންނެވެ. އެކަން ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.