ރައްޔިތުން މަޖިލީހުގެ، ބަޖެޓް ދިރާސާކުރާ ކޮމިޓީން އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރަން ހިމަނައިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ ވަނީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ކޮމިޓީން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. ސަރުކާރުން ފޮނުވި ބަޖެޓަށް އެ ކޮމިޓީން ގެނައި އިސްލާހުތަކުގެ ސަބަބުން ވަނީ 306،109،915 ރުފިޔާނީ އިތުރުވެފައެވެ. އެހެންވެ ބަޖެޓު ވަނީ 49.8 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.

ބަޖެޓަށް ކޮމިޓީން ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ގެނައި ބަދަލު ހިމެނެއެވެ. ސަރުކާރުން ވަނީ އެ މަޝްރޫއަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައެވެ. އެ މަޝްރޫއު ހުށަހަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އުނިކުރަން ޔައުގޫބު ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ. ޔައުގޫބުގެ ހުށަހެޅުންތަކަށް ތާއީދުކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެއަށްފަހު ނެގި ވޯޓުގައި ބަޖެޓު ކޮމިޓީގެ މެމްބަރުން ވަނީ ޔައުގޫބުގެ ހުށަހެޅުންތައް އިއްތިފާގުން ފާސްކޮށްފައެވެ.

ޕީއެސްއައިޕީ ބަޖެޓުން ފުށިދިއްގަރުފަޅު އުނިކުރުމުން މުޅި ޕީއެސްއައިޕީ ބަޖެޓަށް އިތުރުވީ 248 މިލިއަން ރުފިޔާއެވެ. އެހެންވެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުކުރަން ހުށަހަޅާފައިވާ އަދަދަކީ މިހާރު 8.8 ބިލިއަން ރުފިޔާއެވެ.

ބަޖެޓު ކޮމިޓީން ވަނީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ހިމަނައިފައެވެ.