ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، އައްމަޓީއަށް ކުރާ ހިޔާނާތުގެ 42 ދައުވާގެ ޝަރީއަތުގައި އޭނާ ވަނީ ޕާސްޕޯޓް ދޫކޮށްލުމަށް އެދިފައެވެ.
ކުރިމިނަލް ކޯޓުން ނެރުނު ބުނީ އައްމަޓީގެ މެޑިކަލް ލިޔުންތަކުން އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގޭ ކަމަށާއި މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު، ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ.
އަދި އައްމަޓީގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ފާހަގަކޮށްފައިވާ ކަމަށާއި އެހެންވެ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޕާސްޕޯޓް މަނާކުރަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.
"އަހުމަދު މޫސާ މުހައްމަދުގެ މައްޗަށް މި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އޭނާގެ ފަރާތުން ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާތީ، ކުރީގެ ހާލަތު ބަދަލުވެފައިވާ ކަމަށް ޝަރީއަތަށް ބުރަވެވޭތީ، މި ކޯޓުން ނެރެފައިވާ 'ފުރުން މަނާކުރުމުގެ' އަމުރު ބާތިލް ކުރުމުގެ ބަދަލުގައި، އެއަމުރު ވަގުތީގޮތުން ސަސްޕެންޑް ކުރުމަށް ޝަރީއަތަށް ފެންނާތީ، އޭނާގެ ޕާސްޕޯޓް 2023 ޑިސެމްބަރު 6 ވަނަ ދުވަހުގެ 17:00 އިން ފެށިގެން 2023 ޑިސެމްބަރު 26 ވަނަ ދުވަހުގެ 23:00 ނިޔަލަށް ދޫކުރުމަށް، ނިންމައިފީމެވެ،" ކުރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
ސީލައިފްގެ ހިޔާނާތުގެ މައްސަލައި އައްމަޓީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުވެސް ކުރިއެވެ. ނަމަވެސް ފަހުން ބަންދު މުރާޖާކޮށް ވަނީ ޝަރުތުތަކާއެކު އެކު ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު