ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓް ލިސްޓަށް، ސިސްޓަމަށް އެކްސަސްވެގެން ބައެއް ބަދަލު ގެނަސްފައިވާ ކަމަށް، އެ ސިސްޓަމަށް އެކްސެއް ނުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވަނީ ކޮން ގޮތަކަށްކަން އެނގި ވަޑައިނުގަންނަވާ ކަމަށް އޭރު އޮތް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ އޭރުގެ ޗެއާ އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކުރަމް މިހެން ވިދާޅުވީ، ފްލެޓްތަކުގެ މައްސަލަ އޭސީސީން ބަލަމުން ދާއިރު، އާއްމު ކުރި މުޅި ފްލެޓް ލިސްޓް ބާތިލް ނުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކާ ބެހޭގޮތުން، ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މި މައްސަލައާ ގުޅިގެން ބޭއްވި ޕެޓިޝަން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފްލެޓް މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެކަމަށްޓަަކައި އެންމެ މުހިންމު ކަމަކީ އެކަމާބެހޭ ފޯމުތައް ވެރިފައިކުރުމަށް ހައުސިން މިނިސްޓްރީގެ ޕޯޓަލްއަށް އެކްސެސްވުން ކަމަށެވެ. އެހެންކަމުން މިނިސްޓްރީގައި އެކަމަށް އެދުނުތާ ދުވަސްތަކެއް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އިއްޔެެއާ ހަމައަށްވެސް ހައުސިން މިނިސްޓްރީން ޕޯޓަލްއަށް އެކްސަސް ދީފައިނުވާ ކަމަށެވެ. އެ ތަހުގީގު އަވަހަށް ނިމޭނީ އެ ޕޯޓަލްއަށް އެކްސެސްވެގެން ކަމަށާއި އެ މައްސަލައިގައި ފްލެޓްތަކުގެ ތަހުގީގުގެ މަސައްކަތްތަށް ހުއްޓުން އަރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭގެ ކުރިން 29 ނޮވެމްބަރުގައި ރައްޔިރުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީން ބުނެފައި ވަނީ މިނިސްޓްރީގެ ޕޯޓަލްގެ ދެ ދިމާލަކުން ވަދެ، މީހުންނަށް ލލިބިފައިވާ މާކްސް ބަދަލު ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެންބަރުން ކުރެއްވި ދުވާލުތަކަށް ޖަވާބު ދެއްވަމުން އަކުރަމް މިއަދު ވިދާޅުވީ، ޕޯޓަލްގެ ތެރެއިން މާކްސް ބަދަލު ކޮށްފައިވާ ކަމަށް އޭސީސީން ބުނާއިރު، ޕޯޓަލްއަށް އެކްސެސް ނުވެ އެކަން ބެލޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ފްލެޓް މާކްސްއާބެހޭގޮތުން އޭސީސީއަށް ދީފައިވާ މައުޅުމާތަކީ އެބޭފުޅުން ދެއްވި މައުލޫމާތުތަކެއް ކަަމަށާއި އެއަށް ބަދަލު ގެނަސްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެޑާޓާބޭސް ހުންނާނީ ޑީއެންއާރުގެ ޑާޓާބޭސްއާ ގުޅިފައި، އޭސީސީން އެހެން ވިދާޅުވެގެންނުވާނެ ސިސްތަމަށް އެކްސެސް ނުވެވެނީސް،" އަކުރަމް ވިދާޅުވިއެވެ.