މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކ. ކުޑަގިރި ފަރަށް އިންޑިއާގެ ބޯޓެއް އަރައި ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި، ތިން މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި އޮންނަތާ އަހަރެއް ވާން ގާތްވެފައިވާއިރުވެސް އެ ފައިސާ ނުދައްކާތީ، އެ ބޯޓު ފުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އިންޑިއާގެ "އެމްއެސްވީ މާރިއާ ސިންތަޔަތިޓައި ރިޔާނާ" ނަމަކަށް ކިޔާ ބޯޓެއް ކުޑަގިރި ފަރުގެ ވެލިގަނޑަށް އެރީ މިދިޔަ 31 ޖެނުއަރީގައެވެ.
އެ ބޯޓު ފަރަށް އެރުވުމުން އެ ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ (އިޕީއޭ) އިން ވަނީ، އެ ބޯޓު ފަރަށް އެރުމުން، ފަރުގެ 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާތީ، އެކަމުގެ ބަދަލެއްގެ ގޮތުން ބޯޓުގެ ވެރިފަރާތް 3.9 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައިފައެވެ.
އެ ބޯޓު ރާއްޖެ ގެނެސްފައިވަނީ "ބިގްވޭވް" ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ވަނީ ޖޫރިމަނާ ފައިސާ ނުދައްކަނީސް ބޯޓު ފުރުން އީޕީއޭއިން ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، މިދިޔަ މަހުގެ 14 ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފައެވެ.
އެ މައްސަލައިގައި ބިގްވޭވްއިން އެދިފައިވަނީ އެ ބޯޓަކީ ލަކުނޑި ބޯޓަކަށްވެފައި، ބޯޓު މެއިންޓެނަންސް ހަރަދުތައް އިތުރުވެ، އެ ކުންފުނީގެ އެޖެންޓު ކަމުގެ ދަށުން ރާއްޖޭގައި ނުފުރި ބޯޓު އޮންނަ ކޮންމެ ދުވަހަކު މާލީ އެތައް ގެއްލުމެއް ކުރިމަތިވަމުންދާތީ، އެ ބޯޓު ފުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށާއި ބޯޓު ހިފަހައްޓާފައި އޮންނަ އޮތުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ޒިންމާ އީޕީއޭއިން ނަގަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނީ، ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 3.9 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި އޮތް ނަމަވެސް މިހާތަނަށްވެސް އެ ފައިސާ ދައްކާފައިނުވާކަން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން، އެއީ އީޕީއޭގެ މައްޗަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށާއި ރާއްޖެއަށް އަންނަ ބޭރުގެ ބޯޓުފަހަރު ރާއްޖެ ދޫކޮށް ދިއުމުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކިކަން ޓްރާސްފޯޓް މިނިސްޓްރީއަށް ޔަގީން ބޯޓު ފުރުމުގެ ހުއްދަ އާއްމު އުސޫލުންވެސް ނުދޭ ކަމަށެވެ. އެހެންކަމުން، ބިބްވޭވުން ހުށަހެޅި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު