ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ކަނޑައަޅާފައިވާ ލިމިޓުގެ މައްސަލައަށް ކައިރި މުސްތަގުބަލެއްގައި ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހަސަން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެހެން ވިދާޅުވީ ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ޔުނާން ޔުނިވާސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެ ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ދިމާވާ ދަތިތައް ވެސް ނައިބު ރައީސްއާ ހިއްސާކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ ކާޑު ލިމިޓުގެ ސަބަބުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށް އެ ދަރިވަރުންގެ ޝަކުވާތައް އަޑު އެއްސެވުމަށް ފަހު ނައިބު ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އެކަން ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވައިގެން މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އެ މައްސަލައަށް ކައިރި މުސްތަގުބަލެއްގައި އަވަސް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ކާޑު ލިމިޓުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ މަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވިދާޅުވެފައެވެ.

ނައިބު ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެއީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ.

ޗައިނާ ދަތުރު ނިންމަވައިލެއްވުމަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހު ސުވިޒަލޭންޑުގައި ބާއްވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.