ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ނިންމައި ދައުވާ ކުރުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދައުވާކުރަން ޕީޖީއަށް ފޮނުވީ މި ހަފުތާގެ ތެރޭގައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހައްޔަރުކުރީ ޑްރަގް ޓްރެފިކިންގެ ތުހުމަތުގައެވެ. އޭނާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އޭނާ މަރުވެފައިވަނީ، ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ބުނުމުންވެސް ފަރުވާ ދިނުން ފުލުހުން ލަސްކުރުމުންނެވެ.

މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ތަހުގީގު ކުރިއެވެ. ރަޝީދުގެ ޕޯސްޓްމޯޓަމްވެސް ހަދާފައިވަނީ އާއިލާގެ ނުގަބޫލުގައެވެ.

ރަޝީދު ހައްޔަރު ކުރި އިރު އިތުރު ދެ މީހަކު ވެސް ހައްޔަރުކުރިއެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ 82 ކިލޯގެ މަސްތުވާތަކެތި ހޯދައިފައެވެ.