ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން މިދިޔަ ސަރުކާރުގައި އެކުލަވާލި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް އެ ކޮމިޝަންގެ މަގުސަދު ހާސިލުވާނެ ގޮތަށް ކޮށްފައިނުވާތީ އެ ކޮމިޝަނާ މެދު އަމަލުކުރާނެ ގޮތެއްގެ ލަފައަކަށް އެޓާނީ ޖެނަރަލް (ޕީޖީ)ގެ އޮފީހުގައި އެދިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އެ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މަރު ކޮމިޝަން އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހުއެވެ.
ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް "ވަން" އަށް މިއަދު ވިދާޅުވީ، މަރު ކޮމިޝަނާ މެދު އަމަލުކުރާނެ ގޮތެއް ނިންމުމަށް އޭޖީގެ ލަފައަކަށް މިދިޔަ މަހުގެ ފަހުކޮޅުގައި ރައީސް އޮފީހުން އެދިފައިވާނެ ކަމަށެވެ.
"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކޮމިޝަންގެ މަގުސަދު ހާސިލުވާ ގޮތަށް، ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ނުފެންނާތީއާއި ކޮމިޝަނުން ބެލި މައްސަލަތަކުގައި ޖިނާއީ ދައުވާކާ ހަމައަށްވެސް ވާސިލުވެވޭވަރު ވެފައިނުވާތީ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން އޭޖީގެ ލަފައަކަށް މިހާރު ދަންނަވާފައި ވަނީ،" ހަލީލް ވިދާޅުވިއެވެ.
އޭބާ ވިދާޅުވީ، މަރު ކޮމިޝަނުން 27 މައްސަލައެއް ބެލިއިރު ރިޕޯޓް އެކުލަވާލައި ރައީސް އޮފީހަށް ލިބިފައިވަނީ ތިން މައްސަލަ ކަމަށެވެ. އޭގެ ތެރެއިން އެ ކޮމިޝަނުން ބަލައި ދައުވާކުރުމަށް ޝަރީއަތަށް ފޮނުވި ހަމައެކަނި މައްސަލައަކީ ރިލްވާން އާއި ޔާމީންގެ މަރުގެ މައްސަލައެވެ.
ޚަބަރު
ޚަބަރު
ޚަބަރު