ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށެވެ.
އެގޮތުން ޖާބިރުގެ މޭޒުކޮޅު މަތީގައިހުރި މައިކްރޯ ފޯނަށް ގެއްލުން ދީ މައިކް ބިންދާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ މަރާމާތަށް 5100 ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މަޖިލިސް މެންބަރުންގެ ސުލޫކީ މައްސަލަ ތަހުގީގޮށް އަޅަން ޖެހޭ ފިޔަވަޅާ ބެހޭގޮތުން މަޖިލީހުގެ ރައީސަށް ލަފާ ދިނުމަކީ، މަޖިލިސް ގަވާއިދުގެ 110 ވަން މާއްދާއިން މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ލިބިފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން މަޖިލިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ޖާބިރުގެ މައްސަލަ ތަހުގީގު ކުރުމަށް މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ފޮނުއްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ޖާބިރު ހިންގެވި އަމަލު ފާހަގަ ކުރައްވައި، އަސްލަމް ވިދާޅުވީ މަޖިލީހުގެ މާލަމުގަ އާއި މަޖިލިސް ތެރޭގައި ހިމެނޭ އެންމެހައި މުދަލާއި ތަކެއްޗަކީ ދައުލަތުގެ މުދަލާއި ތަކެތި ކަމަށާއި، އެހެންކަމުން އެތަކެއްޗަށް ގެއްލުން ލިބޭނެ އެއްވެސްކަމެއް އެއްވެސް މެންބަރަކު ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
އިއްޔެގެ ޖަލްސާގައި ޖާބިރު އަޑުގަދަކުރައްވައި މަޖިލީހުގެ ރިޔާސަތަށާއި، ބައެއް މެންބަރުންނަށް ވަނީ އެއްޗެހި ގޮވައިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުުގެ ނާއިބު ރައީސްގެ އިންތިހާބު ނާކާމިޔާބު ވުމާ ގުޅިގެންނެވެ. މި އިންތިހާބުގައި ލިބބިވަޑައިގަތީ 23 ވޯޓެވެ. މަޖިލިހުގެ އާ ނައިބު ރައީސަކަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިހާބު ކުރީ 51 ވޯޓުންނެވެ.
އެކަމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން އެރޭވެސް މަޖިލިސް ޖަލްސާގައި ޖާބިރު އަޑުގަދަ ކުރެއްވިއެވެ. އިއްޔެގެ ޖަލްސާގައި ޖާބިރު އަޑުގަދަކުރެއްވީ ގޮނޑިކޮޅުން ފައިބައި ވަޑައިގެން ކާޕެޓްގައި އިށީނދެ ވަޑައިގަންނަވައިގެންނެވެ. މަޖިލީހުގެ ނާއިބު ރައީސް ސަލީމްގެ އަރިހަށް ވަޑައިގެންވެސް އަޑުގަދަ ކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު