ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑުވެރިކަމާއި އެނިމަލް ވެލްފެއާއާ ބެހޭ ބިލުތައް އަނބުރާ ގެނެސް އިސްލާހުކުރުމަށްފަހު ހުށަހަޅަން އެގްރިކަލްޗާ މިނިސްޓްރީން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ޖަނަވާރުގެ ސިއްހަތާބެހޭ ބިލަކާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލެއް ހުށަހަޅައިފައެވެ.
އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ "ވަން" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދަނޑުވެރިކަމުގެ ބާވަތްތައް ހައްދާއިރުގައި އެކި ކަހަލަގެ ބޭސްތައް ގިނައިން ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގައި މިހާރު އެއްވެސް ކޮންޓްރޯލެއް ނެތް ކަމަށެވެ. އަދި އެކަމަށް އުސޫލުތަކެއް ކަނޑައެޅުން މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދަނޑުވެރިކަމުގައި ހައްދާ ތަކެއްޗަށް ބޭސް ބޭނުންކުރުން މޮނީޓާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މިހާރުވެސް އެބައޮތް ގާނޫނެއް ފާސްނުކޮށް. ހުރި އަލުން ރީކޯލްކޮށް، އާ މެންޑޭޓަކާއެކު އަލުން ރިވިޝަންއެއް ހުށަހެޅުމަށް އަޅުގަނޑުމެން ވިސްނަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޖުމުލަ 153 ބިލެއް ހުށަހަޅާފައިވެއެެވެ. އޭގެ ތެރެއިން 120 ބިލެއް ފާސްކުރުމަށްފަހު ރައީސް ތަސްދީގު ކުރައްވައި ގާނޫނަށް ވެފައިވާ އިރު، އެއް ބިލު ފާސްވެފައެއް ނުވެއެވެ. އަދި ދެ ބިލެއް ސަރުކާރުން އަނބުރާ ގެންގޮސް، 30 ބިލެއްގެ މަސައްކަތް އެކިއެކި މަރުހަލާތަކުގައި ކުރިއަށްދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު