ދަނޑުވެރިކަމުގައި ހައްދާ ބާވަތްތަކުގެ އަގު ވަކި މިންގަނޑެއްގައި ކޮންޓްރޯލު ކުރައްވާނެ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ރަމީލާ ވިދާޅުވީ، ދަނޑުވެރިކަމުގައި ހައްދާ ތަކެތީގެ އަގު ކޮންޓްރޯލުކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގައިވެސް ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން ހާއްސަ ގޮތެއްގައި ރޯދަ މަހު ތަކެތީގެ އަގުތައް މަތިވާ މައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"ރޯދަ މަހު އަގު މައްޗަށް އެރުން ކޮންޓްރޯލުކުރުން ވަކި ކްލޯސްއެއްގެ ގޮތުގައި މެންޑޭޓުގައި އެބައިން ފާހަގަކުރެވިފައި. އެހެންވީމާ އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެން އެކަން ކުރާނަމޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ހަފުތާ-14 ގެ ތެރޭގައި އެކަމުގެ އެކްޝަން ޕްލޭނެއް ހަދާނެ ކަމަށާއި، އަގުތައް ކޮންޓްރޯލުކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ދަނޑުވެރިކަމުގައި ހައްދާ ތަކެތީގެ އަގު މިހާރު ކޮންޓްރޯލުކުރަނީ އެތަކެތި ވިއްކަން މާރުކޭޓުތަކުގައި ތިބޭ ވިޔަފާރިވެރިންނެވެ. ބައެއް ދުވަސްވަރު، ހާއްސަކޮށް ރޯދަ މަހު ބައެއް ބާވަތްތަކުގެ އަގު އިންތިހާއަށް މައްޗަށް އުފުލިފައިވެސް އެބަހުއްޓެވެ. އެކަމުގެ ސަބަބުން އާންމުންގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ. އަދި ބައެއް ދުވަސްވަރު، ތަކެތީގެ އަގު ދަށަށް ގޮސް ވިޔަފާރިވެރިންނަށް ގެއްލުންވުމުގެ ޝަކުވާވެސް އެ ފަރާތްތަކުން ކުރެއެވެ.