ދުނިޔޭގެ ޓްރެވެލް އެވޯޑްސްގައި، ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެެވޯޑު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަށް ލިބިވަޑައިގެންފިއެވެ.

ދުނިޔޭގެ ޓްރެވެލް އެވޯޑަކީ ކޮންމެ އަހަރަކުވެސް ޓޫރިޒަމްގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކަށް ދޭ އެވޯޑެކެވެ. އެ އެވޯޑްގެ ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑަކީ ކޮންމެ އަހަރަކުވެސް ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ މީހަކަށް ދޭ އެވޯޑެކެވެ. ޑރ. މައުސޫމް ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑު ހާސިލުކުރެއްވީ އިއްޔެ ދުބާއީގައި ބޭއްވި ޓްރެވެލް އެވޯޑްސް ހަފުލާގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަނުކުރެއްވީ ދައުރުގެ މެދުތެރެއިން 2020 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ރައީސް ސޯލިހުގެ ދައުރު ނިމެންދެން ހުންނެވީ އެ މަގާމުގައެވެ. ކޮވިޑު19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގަނެ، ކުރިއެރުވުމުގައި ޑރ. މައުސޫމް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ޑރ. މައުސޫމްގެ ލިންކްޑްއިން ޕްރޮފައިލްގައި ވާގޮތުން އޭނާ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވީ 1985 ވަނަ އަހަރުއެވެ. ޑޮކްޓަރޭޓްވެސް ހާސިލުކުރައްވާފައި ވަނީ ސަސްޓެއިނެބްލް ޓޫރިޒަމް ޑިވެލޮޕްމެންޓުގެ ދާއިރާއިންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައިވެސް ޓޫރިޒަމް މިނިސްޓަރުކަން އަދާކުރައްވާފައިވެއެވެ.

ޓޫރިޒަމް ކޮންސަލްޓެންޓެއްގެ ގޮތުގައި 25 އަހަރު މަސައްކަތްކުރައްވާފައިވާއިރުު، ރާއްޖޭގެ ޓުރިޒަމް މިނިސްޓްރީން 2008 ވަނަ އަހަރު ނެރުނު "35 އިޔާސް އޮފް ޓޫރިޒަމް" ފޮތުގެ ލީޑް ލިޔުންތެރިއަކީވެސް ޑރ. މައުސޫމް އެވެ.

މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްގައި ރާއްޖެއިން 10 އެވޯޑް ހާސިލުކޮށްފައިވާއިރު، ދުނިޔޭގެ އެންމެ މަގުބޫލު ޓުރިސްޓް މަންޒިލްގެ އެވޯޑުވެސް ލިބުނީ ރާއްޖެއަށެވެ. އެންމެ ރޮމޭންޓީކް މަންޒިލާއި އެންމެ މަގުބޫލު ޕްރައިވެޓް އައިލެންޑުގެ އެވޯޑުވެސް ހާސިލުކުރީ ރާއްޖޭންނެވެ.