މަންޓާ އެއާގެ ސީދާ ދަތުރުތައް އިންޑިއާއަށް ފަށަން ނިންމައިފިއެވެ.
މަންޓާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޓްރޭޑް ޕާޓްނަރުންނާ އެކު އިއްޔެ ބެންގަލޫރުގައި ބޭއްވި ހަފުލާއެއްގައި އެކަން އިއުލާންކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާއަށް ސީދާ ދަތުރުތައް ފަށާނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ކަމަށް ބުންޏެވެ.
މަންޓާގެ ދަތުރުތައް ކުރާނީ ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޮޓުން ބެންގަލޫރުގެ ކެމްޕެންގޯޑާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ. އަދި މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށް އަމާޒުކޮށް ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުމުގެ ސަބަބުން ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނައިސް ރާއްޖޭގެ އިތުރު ލޮކޭޝަނަކަށް ދަތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބުންޏެވެ.
ދާލު އެއާޕޯޓަށް މަންޓާގެ ދަތުރުތައް ފެށުމުން އިންޑިއާއިން އަންނަ ފަތުރުވެރިން ވީއައިއޭގައި ޓްރާންސިޓް ކުރަން ނުޖެހުމާއި ޓްރާންސްފާގެ ހަރަތުތައްވެސް ކުޑަވާނެ ކަމަށް މަންޓާއިން ބުންޏެވެ.
ދާލު އަތޮޅުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ސެއިންޓް ރެގިސް މޯލްޑިވްސް އާއި ނިޔަމަ ޕްރައިވެޓް އައިލެންޑްސް ފަދަ ރިސޯޓުތައްވެސް ހުންނަ އިރު، ފަތުރުވެރިންނަށް ބޭނުންވާ އިމިގްރޭޝަން އެހީ އާއި ޓްރާންސްފާގެ ހިދުމަތް ދާލު އެއާޕޯޓުން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
އެކަމާ ގުޅުގެން ވާހަކަ ދައްކަވަމުން މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ޑޮމެސްޓިކް ސީޕްލޭން ކެރިއާ އަދި އެއާލައިނަކުން އިންޓަނޭޝަނަލް ދަތުރުތައް ކުރާ އެއާލައިނަކަށް ބަދަލުވުމަކީ އެ ކުންފުނީގެ ކުރިއެރުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިންގެ އެކްސްޕީރިއެންސް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށާއި ދާލު އަތޮޅުގެ ރިސޯޓުތަކަށް ލިބޭ ބުކިންތައް އިތުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި