މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށްވާ ގޮތަށް ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި އެ މަގު ބޭނުންކުރާ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެކެވެ.

މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށްވާ ގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް ފަށައި، މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމަން ނިންމެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާ މިއަދު ހަވާލުވެވަޑައިގެންނެވި ހުސައިން ފަހުމީ، މިއަދު އެ ސަރަހައްދަށް ވަޑައިގެން ބެއްލެވުމަށްފަހުއެވެ.

ފަހުމީ ވަނީ އެ ޓްރާންސްފޯމަރާ ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން މި ޓްރާންސްފޯމަރު މަގުމަތިން ނަގައި، މި މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން،" ފަހުމީ ވިދާޅުވިއެވެ.

މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެ ތަނުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރެއްހާ ދުވަސް ވެއްޖެއެވެ.