އާ ސަރުކާރުގެ ކެބިނެޓުން ފެނުނު ހެޔޮ ބަދަލެއްގެ ގޮތުގައި ކުޅިވަރުގެ ވުޒާރާ ވަކިކުރުން ހިމެނެއެވެ. ޔަގީނެވެ. އެއީ ފަސޭހައެކެވެ. ޒުވާނުންނާއި ކުޅިވަރު އާންމުކޮށް ފެނުނީ "ނުކަތާވަރުގެ" މެމްޑޭޓެއްގައި ހިނގަމުންދިޔަތަނެވެ. "އެގަހު ކޭލެއް، މިގަހު ކޭލެއް،" އޭރަކު ވަތްކެއް ނުވެއެވެ. ޒުވާނުންނަށް އަމާޒުކޮށް ކުރު ކޯސްތައްވެސް ހިންގަން ޖެހުނީ ކުޅިވަރާ ބެހޭ ވުޒާރާއިން ކަމަށް ވުމުންނެވެ. އެ ކަންކަން ފަސޭހަވެ، ވަކި ވެއްޖެއެވެ. މިހާރު އޮތީ ކުޅިވަރަށް ވަކި ވުޒާރާއެކެވެ. އެ ވުޒާރާއިން ދެން ޒިންމާ ވާނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ކަންތަކަށެވެ. އެއީވެސް ކުޅިވަރުގެ ތަރަހައިގެ ތެރެއިން އަންނަ ޒިންމާއެކެވެ. މައިގަނޑު މަސައްކަތްތަކުގެ ފޯކަސް ހަނިވެފައި، ރަނގަޅެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ކެބިނެޓަށް ގެންނެވި އެ ބަދަލަށް ތައުރީފެވެ. އަދި ކުޅިވަރުގެ ޒިންމާތައް، ކުޅިވަރުގެ "މޫނަކާ" ހަވާލުކުރެއްވުންވެސް އެއީ ގިނަ ބައެއްގެ ތައުރީފު އަމާޒުވިކަމެކެވެ. ހާއްސަކޮށް، އެތުލީޓުންނާއި އެސޯސިއޭޝަންތަކުގެ އިތުބާރު އޮތް އަތެއްގެ މައްޗަށް ގައުމީ ކުޅިވަރު ހަވާލުވުމަކީ އެހާމެ ހިތްހަމަޖެހުން ބޮޑު ކަމެކެވެ. ކުޅިވަރުގެ ހާއްސަ ނަމެކެވެ. އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. ސިޔާސީ ކުލައެއް ނެތް، ކުޅިވަރުގެ ނަމެކެވެ. އެންމެންނާ ގާތުން މަސައްކަތް ކުރި އިހުލާސްތެރިއެކޭ ދެންނެވިދާނެއެވެ.
"އަޅުގަނޑުގެ ދަތުރަކީ 2011 ގައި ފެށި ދަތުރެއް. ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބަކާއެކު ވޮލެންޓިއާކޮށް، އޭއެފްސީ ކަޕްގެ މެޗުތަކުގައި ބައިވެރިވީ ހަތަރު އަހަރު ވަންދެން. އޭގެ ފަހުން ފުރަތަމަ ޑިވިޝަނުގެ އެހެން ކްލަބަކާއެކު ފުރަތަމަ ޑިވިޝަނުގައި މަސައްކަތް ކުރަންވެސް ފުރުސަތު ލިބުނު. އޭގެ ފަހުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްއާއެކު ހަތަރު އަހަރު ވޮލެންޓިއާ ކުރިން. ވޮލެންޓިއާކޮށްފައި އޭގެ ފަހުން ލިބުނީ އަންޑަސްޓޭންޑިންއެއްގެ ދަށުން އެފްއޭއެމްއާއެކު މަސައްކަތްތަކެއް ކުރަން،" ކުޅިވަރުގެ ތެރެއަށް ވަދެވުނު ގޮތް، ރިހިބްލިޓޭޝަން ސްޕެޝަލިސްޓް، މިހާރުގެ މިނިސްޓަރު ރާފިއު "ވަން ސްޕޯޓްސް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
އެއީ ރާފިއުގެ ފެށުމެވެ. މިއަދާ ހަމައަށް އޭނާގެ ހިދުމަތް ނުފޯރާ ކުޅިވަރެއް މަދެވެ. ހާއްސަކޮށް، ގައުމީ ދިދައިގެ ހިޔަލުގައި އެތައް ހިދުމަތްތަކެއް ކޮށްދެއްވައި، މިއަދު އެހުންނެވީ ކުޅިވަރުގެ ބަލަދުވެރިޔަކަށެވެ.
"އޭގެ ފަހުން އޮލިމްޕިކް ކޮމިޓީގެ މެންބަރެއްގައި 2014 ގައި އިންޗޮންގައި އޮތް އޭޝިއަން ގޭމްސްއަށް ދާން އަޅުގަނޑަށް ލިބުނު. އެއީ އަޅުގަނޑަށް ފުރަތަމަ ފަހަރަށް ދެވުނު މަލްޓި ސްޕޯޓްސް ގޭމްސް. އެއީ ވަރަށް ރަނގަޅު ތަޖުރިބާއެއް. އެހިސާބުން އެހެން ކުޅިވަރުތަކަށްވެސް އަޅުގަނޑުގެ ހިދުމަތް ފޯރުކޮށްދޭން ފެށިން. އެބޭފުޅުންނަށްވެސް، އެތުލީޓުންނަށް ރަނގަޅު ކާމިޔާބީއަކަށް ވާސިލުވާން ބޭނުންކުރެވުނު އެހީތެރިކަމަކަށް އަޅުގަނޑުގެ އެހީތެރިކަން ވީމަ އެހެން ކުޅިވަރުތަކުންވެސް އަޅުގަނޑު ގެންދިޔަ،" ރާފިއު ވިދާޅުވިއެވެ.
އެފަހުން ރާފިއު ވަނީ ސާބާ ބާސްކެޓް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝްއަށް ގޮސްވެސް ގައުމީ ޓީމާއެކު މަސައްކަތްކުރައްވައިފައެވެ. އޭގެ ފަހުން ރާއްޕެގެ ބޭނުން އެތުލީޓުންނަށް އިންތިހާއަށް ހިފެމުން އައެވެ. ހާއްސަކޮށް، ރާއްޕެގެ ރިހިބްލިޓޭޝަން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކަމުގޮސް، އެއީ ހާއްސަ ކަމަކަށް ވިއެވެ. އެހެންވެ އޭގެ ފަހުން ރާއްޕެ ވަކި ކުޅިވަރަކަށް ސަމާލުކަން ނުދެއްވައި، ބެއްލެވީ މަލްޓި ސްޕޯޓްސް ގޭމްސްތަކަށް ބޮޑަށް ފޯކަސް ކުރައްވައިގެންނެވެ.
"ފަހުން ބޮޑަށް މަސައްކަތް ކުރެވުނީ ހުރިހާ ކުޅިވަރުތައް ބައިވެރިވާ ގޭމްސްތަކުގައި ހިމެނިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން. މީގެ ހަތަރު ވަރަކަށް އަހަރުކުރިން ޓީމް ލީޑާއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރަން އެމްއޯސީން އަޅުގަނޑު އެސައިން ކުރީ. އޭގެ ފަހުން އަޅުގަނޑު ޓީމެއް އެކުލަވާލައިގެން އަޅުގަނޑުގެ ބެލުމުގެ ދަށުން މިއަދާ ހަމައަށް އައީ،" ރާފިއު ކުޅިވަރުގެ ހިދުމަތް ކުރުކޮށް ވިދާޅުވެދެއްވިއެވެ.
ރާފިއުއަކީ މެޑިކަލް ޓީމުގެ ހާއްސަ ލީޑަރެކެވެ. އަބަދުވެސް އެންމެ ބޭނުންތެރި ޓީމެއްގެ ގޮތުގައި މަލްޓި ސްޕޯޓްސް ކޮމްޓިޖެންޓްތަކުގައި ހިމެނޭ މެޑިކަލް ޓީމު ވެފައި އޮންނަ އިރު، މިދިޔަ ދެތިން ގޭމްސްއަކަށް ޓީމު އެކުލަވައިލެއްވީވެސް ރާފިއު އެވެ.
ރާފިއު ވަނީ މެޑަކަލް ޓީމުގެ ލީޑަރެއްގެ ގޮތުގައި ރިޔޫނިއަން އާއި މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގެ އިތުރުން އެންމެފަހުން މަޑަގަސްކަރައިގައި ބޭއްވި އައިއޯއައިޖީގައިވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން ކޮމަންވެލްތު ގޭމްސް އާއި އޭޝިއަން ގޭމްސްއަށްވެސް ރާއްޕެގެ މެޑިކަލް ޓީމު ގޮސް، ކުޅިވަރަށް އޭނާ އެތައް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވިއެވެ. ހިންގުމުގެ ދާއިރާއަށްވެސް ރާފިއު ވަނީ މީގެ ދެތިން އަހަރެއްހައި ދުވަސް ކުރިން ތައާރަފެވެވަޑައިގެންފައެވެ. އެގޮތުން ގައުމީ ކުޅިވަރު ކައުންސިލްގައި، ނޮން އޮލިމްޕިކް ސްޕޯޓްސް ތަމްސީލުކުރާ މެންބަރެއްގެ ދައުރު އަދާކުރެއްވުން ހިމެނެއެވެ. އަދި ވޯލްޑް އެކުއެޓިކްސްގެ ސްޕޯޓްސް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
ރާފިއުގެ ނަޒަރުގައި ކުޅިވަރުގެ ތެރެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ "ވާހަކަ ދެކެވޭނެ" ނިޒާމެއް އެކުލަވައިލުމެވެ. ހާއްސަކޮށް ސްޓޭކް ހޯލްޑަރުންނާއި މަދަރުސާތަކާ އޮންނަ ގުޅުމުން މެނުވީ ކުޅިވަރުގެ ވިސްނުން ބަދަލުކުރެވެން ނެތް ކަމަށް މިނިސްޓަރު ފާހަގަކުރައްވައެވެ. ޒަމާންވީ ގޮތުގައި، ކުޅިވަރު ސިޔާސީ މާހައުލަށް ގަރަގުވުމުގެ ކުރީން މައްސަލަތައް ހައްލުކޮށް، ކުރިއަށް މަގުކޮށައިދެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރާފިއު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް އެންމެ ބޮޑަށް މަސައްކަތްތައް ފަސޭހަވާނެ ކަމަކީ އެބޭފުޅުންނާއި އަޅުގަނޑަށް ގާތުން މަސައްކަތް ކުރެވިފައި އޮތުން. އެބޭފުޅުން އަޅުގަނޑަށް އެނގޭ. އެބޭފުޅުންގެ ދަތިކަންތައްތައްވެސް އަޅުގަނޑަށް އިހުސާސް ކުރެވޭ. އެތުލީޓުންނާއި، އެސޯސިއޭޝަންތަކުގެ ކަންތައްތައްވެސް އަޅުގަނޑަށް އެނގޭ. ގާތުން މަސައްކަތް ކުރެވިފައި އޮތުމުން، އެބޭފުޅުންނަކީ އަޅުގަނޑަށް ފަސޭހައިން ވާހަކަ ދެކެވޭނެ ބައެއް. އަބަދުވެސް އެ ގުޅުން އޮންނާނެ. އެހެންވީމަ ދިމާވާ ކުދިކުދިން ކަންތައްތައްވެސް ބޮޑުވުމުގެ ކުރިން ފިޔަވަޅު އަޅައި، ހައްލުކޮށްލަން ފަސޭހަވާނެ،" ރާފިއު ފާހަގަކުރެއްވިއެވެ.
ރާފިއުގެ ނަޒަރުގައި ކުޅުންތެރިންގެ ކަންކަން ދަތުމުގެ އިތުރުން، އެސޯސިއޭޝަންތަކަށްވެސް ވިސްނުން ހިންގަން ޖެހެއެވެ. އަދި ހާއްސަކޮށް އެސޯސިއޭޝަންތައް މިނިވަންކަމާއެކު، ފައިމައްޗަށް ދެތުވެ ހިންގޭނެ ނިޒާމަކަށް ކުޅިވަރު ބައްޓަން ކުރަން ޖެހޭކަމަށް ރާފިއު ފާހަގަކުރެއްވިއެވެ.
"ހަމައެކަނި ކުޅިވަރަށް ފޯކަސް ކޮށްފައި އޮތް އިދާރާއަކަށްވާތީ ފޯކަސް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. ހަމައެކަނި ކުޅިވަރު ކުރިއަރުވަން އޮތީމަ ވިސްނުން ހުންނާނީ އެއް މިސްރާބަކަށް. އެއް ކަމަކީ ކުޅިވަރު ކުރިއަރުވަން ކުރަން ޖެހޭ ކަންކަން ދެނެގަތުން. އަދި މިހާރު ހުރި ލެވެލްއިން އެހެން ލެވެއަކަށް ކުޅިވަރު ގެއްދިޔުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހޭ. އެސޯސިއޭޝަންތައްވެސް މިހާރަށްވުރެ ރަނގަޅަށް ބާރުވެރިކުރުމާއި، އަމިއްލަ ފައިމައްޗަށް ނެގެން ކުރަން ހުރި ކަންކަމުގައި އެހީތެރިވުންވެސް ހިމެނޭނެ،"
އޭގެ އިތުރުން ރާއްޕެ ފާހަގަކުރެއްވީ ގާނޫނީ ގޮތުން އެސޯސިއޭޝަންތައްވެސް ހަރުދަނާކޮށް، މިނިވަންކަމާއެކު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ރާފިއުގެ މިސްރާބު ސީދާ ކުރައްވަމުން ގެންދަވަނީ ކުޅިވަރުގެ އިންގިލާބީ ބަދަލަކަށެވެ. އެ ބަދަލަށް މިހާރު ރާއްޖެ ފައްކާކުރަން ވެއްޖެކަމަށް، އެކަމުގެ ވަގުތު ޖެހިއްޖެ ކަމަށް ރާފިއު ގަބޫލުކުރައްވައެވެ. ހާއްސަކޮށް ސްކޫލްތަކުން ފެށިގެން ކުދިން ތަމްރީނުވާނެހެން "މުޅި ކުޅިވަރު ސިސްޓަމަށް،"ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާފިއުގެ ނަޒަރުގައި ކުޅިވަރަކީ "ވާހަކަ ދައްކައި، ބައިވެރިވެގެން ނޫނީ،" ނުވާނެ ކަމެކެވެ. ހާއްސަކޮށް އެތުލީޓުން ބިނާކޮށް، ޖީލުތައް އުފައްދަން އެއް ޓީމަކަށް ކުޅެން ޖެހޭ ކަމަށް ރާއްޕެ ފާހަގަކުރެއްވިއެވެ. އެގޮތުން ހުރިހާ ސްޓޭކް ހޯލްޑަރުން، އޭގެ ތެރޭގައި ސްކޫލްތައްވެސް ހިމެނޭހެން އެއް މަގުސަދެއް ހާސިލްކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ކުޅިވަރަށް ދިމާވާ އެންމެ ބޮޑެތި މައްސަލައް، އެފްއޭއެމްއާއި ވޮލީ އެސޯސިއޭޝަންފަދަ ބޮޑެތި އެސޯސިއޭޝަނުންވެސް ފެނިގެންދާ ދިޔުމަށްވެސް ރާފިއު ޖަވާބު ދެއްވިއެވެ. ހާއްސަކޮށް އެސޯސިއޭޝަންތަކުގެ ކްލަބުތަކަށްވެސް ފައިސާގެ ހާލަތު ގޯސްވެ، އިނދަ ޖެހިފައި އޮތް އޮތުމަށް ނިމުން ގެނައުމަކީ ޗެލެންޖިން ނަމަވެސް، ކުރަން ޖެހޭ ކަމެއް ކަމަށް ރާފިއު ފާހަގަކުރެއްވިއެވެ.
"އެސޯސިއޭޝަންތަކުގެ މައްސަލަތުގައި އަޅުގަނޑުމެން ސްޕޯޓްސް ކޮމިޝަނަރު އަދާކުރަން ޖެހޭ ދައުރު އަދާކުރަން ފުރިހަމައަށް މަސައްކަތް ކޮށްދޭނަން. އަދި އެ އިދާރާގެ މަސައްކަތަށް އެއްވެސް ވަރަކަށް ހުރަހެއް ނާޅާނަން. ސަރުކާރުން އެސޯސިއޭޝަންތަކަށް ނުވެސް ވަންނާނެ. އެހެން ނަމަވެސް ގާނޫނީ ގޮތުން ހޯދައިދޭން ޖެހޭ ހައްލެއް ހޯދަން އަބަދުވެސް ވިސްނާނެ،" ރާފިއު ވިދާޅުވިއެވެ.
ސަރުކާރުގެ ފައިސާއަށް ކްލަބުތައް ބަރޯސާވެފައި އޮތް އޮތުމަށް ހައްލު ހޯދަން ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވި އިރު، ފާހަގަކުރެއްވީ ޖުމުލަ ހައްލެއްގެ ވާހައެކެވެ. އޭގެ ތެރެއިން ސަރުކާރުގެ ވައުދުވި ގޮތަށް، ކްލަބުތަކަށާއި، އެސޯސިއޭޝަންތަކަށްވެސް ފައިސާގެ އެހީތެރިކަން ހުރިހާ ކުޅިވަރުތަކުގެ ޓޮޕް ކްލަބުތަކަށްވެސް އެހީވާނެ ކަމަށް ރާއިފު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް އެސޯސިއޭޝަންތަކުގެ ފައިސާގެ ހާލަތު ރަނގަޅު ކުރަން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. "ގަވާއިދުން އެސޯސިއޭޝަންތަކާ ވާހަކަ ދައްކައިގެން" ކަންކަމަށް އަވަހަށް ހައްލު ގެނައުމަކީ ކުޅިވަރަށް ލިބޭނެ ބޮޑު ހައްލެއް ކަމަށް ރާފިއު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ފުރަތަމަ ވާހަކަތައް ވަރަށްވެސް އުންމީދީއެވެ. ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް ބޮޑުތަނުން ހައްލު ބޭނުންވެފައިވާ މި ދަނޑިވަޅުގައި ކުޅިވަރުގެ އާންމު އިދަރާތަކާ ގާތުން ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްދެއްވާފައިވާ މިނިސްޓަރަކު ހުންނެވުން އެއީ ލިބޭނެ ހިތްހަމަ ޖެހުމެކެވެ. ނަތީޖާއެއްގެ އުންމީދުގައި ކުޅިވަރު އާއިލާ، މުޅި ރާއްޖޭގައި ތިބޭނެކަން ޔަގީންވެސް މެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް