އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެއް ތަރައްގީގެ ޕްލޭން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ލ. ގާދޫ ކައިރީގައި ތަރައްގީ ކުރާ ކޮމާޝަލް ޕޯޓާއި އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓުގެ ޕްރޮޖެކްޓާއި މާލޭގެ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 14 ހަފުތާގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެކެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ސައީދު ނުދެއްވައެވެ.

އައިހެވަން މަޝްރޫއަކީ 2014 ވަނަ އަހަރު އޭރުގެ ރައީސް އަބުދުﷲ ޔާމީން އިއުލާނުކުރެއްވި މަޝްރޫއެކެވެ. ސިންގަޕޫރުގައި ބޭއްވި އިވެންޓެއްގައި އިއުލާނުކުރި އެ މަޝްރޫއުގެ ދަށުން ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ހިދުމަތާއި ޝޮޕިން މޯލްތަކާއި ޓޫރިސްޓު ރިސޯޓުތަކާއި އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ތަރައްގީ ކުރުމަށް ނިންމާފައިވެއެވެ.

އެގޮތުން 216 ވަނަ އަހަރު ވަނީ އައިހެވަންގެ މާސްޓަ ޕްލޭންގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ ހަވާލު ކުރިއެވެ. އަދި އެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހަދަން ހަވާލުކުރީ އެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ)އާއެވެ. ނަމަވެސް އެ މަޝްރޫއުގެ ބައެއް ކަންކަން ކުރިއަށް ނުގޮސް ވަނީ ހުއްޓިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ވަނީ އައިހެވަން މަޝްރޫއުގެ ބައެއް ކަންކަން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން ނިންމި ޕޯޓުގެ މަސައްކަތުގެ ތެރެއިން ބަންކަރިން ފެސިލިޓީ ގާއިމުކުރަން އެސްޓީއޯއިން މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން އާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އޮގަސްޓު މަހުގައެވެ.

މީގެ އިތުރުން ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރަން ވެސް އިއުލާނުކޮށްފައިވަނީ ޔާމީން ސަރުކާރުގައެވެ. އެ މަޝްރޫއަށް ގާދޫގައި ދިރިއުޅެމުން ދިޔަ މީހުން ވެސް އެ އަތޮޅު ފޮނަދުއަށް ބަދަލު ކުރިއެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

މިދިޔަ ސަރުކާރުން ވަނީ ލ. ގާދޫގައި ޕޯޓެއް ހެދުމުގެ ފީސިބިލިޓީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭގެ އިތުރަށް އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.