ރައީސުލްޖުމްހޫރއްިޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް މިނިސްޓަރުންގެ އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް ބޭފުޅެއް ހިމެނޭތޯ ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ކެބިނެޓަށް އައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް ބޭފުޅަކު ހިމެނޭތޯ އޮޅުން ފިލުވުމަށް އިމިގުރޭޝަނަށް ހުށަހެޅުމުން، އެކަމަކީ އެތަނުގެ އިހުތިސޯސް ތެރޭގައި ހިމެނޭ ކަމެއް ނޫން ކަަމަށް ޖަވާބު ދީފައިވާ ކަމަށެވެ.
ނަމަވެސް އެ މައުލޫމާތަކީ އެހެން ފަރާތަކުން ނަމަވެސް ހޯދަންޖެހޭ މައުލޫމާތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ، އެހެން ގައުމުގެ ޕާސްޕޯޓް އޮތް ކަމަށް ޝައްކު ކުރެވޭ ބައެއް ބޭފުޅުން ކެބިނެޓް މިނިސްޓަރުގެ ގޮތުގައި އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންނަކީ ވަރަށް ގިނަ ދުވަސް ވަންދެން ރާއްޖޭން ބޭރުގައި ދިރިއުޅުއްވާފައި ތިއްބެވި ބޭފުޅުން ކަމަށެވެ.
އެހެންކަމުން އެމަކާބެހޭ މައުލުމާތު ހޯދެން ހުރި ކޮންމެ މުއައްސަސާ އަކުންވެސް އެ މައުލޫމާތު ފޯރު ކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ، އެ މައުލޫމާތު އޮޅުން ފިލުވޭނެ އެހެން ގޮތެއް ނެތިއްޔާ އެވާހަކަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެގެންވެސް އޮޅުން ފިލުވަން ޖެހޭ ކަމަށެވެ.
މަޑަވެލިި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ގާނޫނުގައި ކަށަވަރު ކުރަންޖެހޭ ކަމެއް އޮއްވައި އެކަން ކަށާވަރު ނުކޮށް އެހެން ކަމަކަށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެގެން އެކަން ކަށަވަރު ކުރަންޖެހޭ ކަމަށް އޭނާވެސް ވިދާޅުވިއެވެ.
ނަމަވެސް ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ކޮމިޓީއަށް ވަޒީރު ގެނެސް ސުވާލު ކޮށްގެން އެކަން އޮޅުން ފިލުވިދާނެ ކަމަށެވެ. އެންމެ ރަނގަޅުވާނީ ސީދާ އެ މީހެއްގެ ގާތުން އެ މީހެއްގެ ވާހަކަ އޮޅުންފިލުވުން ކަމަށް ވާތީ އެގޮތަށް އެކަން ކުރުން މާފަސޭހަ ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކޮމިޓީ މުގައްރިރު ވިދާޅުވީ، އެގޮތަށް ވަޒީރުން ކޮމިޓީއަށް ހާޒިރުކޮށްގެން އިންޓަވިއު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުމެއް އޮންނަ ކަމަށެވެ.
އެހެންކަމުން ކޮމިޓީގެ ހުރިހާ މެންބަރުންވެސް އިއްތިފާގުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެގެން އެ މައުލޫމާތު އޮޅުން ފިލުވުމަށެވެ.
ކޮމިޓީން އެކަން އޮޅުން ފިލުވަން މެންބަރުން ހުށަހެޅުއްވީ ގާނޫނުއަސާސީގެ 130 ވަނަ މާއްދާއަށް ރިއާޔަތް ކޮށެވެ.
ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައި މިނިސްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާ އެކު، އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު