ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިއަދު މިނިވަން ވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 3 ނޮވެމްބަރު 1988 ގައި ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ ހައްޔަރުކޮށް އޭރު ހުކުމް ކުރީ އޭނާ މެރުމަށެވެ. ނަމަވެސް ފަހުން ރައީސް މައުމޫން ވަނީ އޭނާގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް (25) އަހަރަށް ބަދަލުކޮށްދެއްވައިފައެވެ.

މިދިޔަ އޭޕްރީލް މަހު އެ މައްސަލައިގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާ އިރު، މިއަދު އޭނާ މިނިވަންވީ އޭނާ ރާއްޖޭން ފިލި މައްސަލައިގެ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010 ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، އޭނާ އެނބުރި ރާއްޖެ އައިސްފައި ނުވާތީ އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލުޓޭޝަން ސާވިސް އިން 26 މާޗް 2012 ގައި އޭނާ ހޯދުމަށްފަހު ހުކުމް ތަންފީޒުކުރުމަށް އެ ޑިޕާޓްމަންޓާ ހަވާލުކުރުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ.

ލުތުފީ ރާއްޖެ ގެނެސްފައިވަނީ 9 ޖުލައި 2019 ގައެވެ. އެ މައްސަލައިގައި އެނާއަށް ކުރީ ހަތް މަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުމުން މިއަދު އޭނާ ދޫކޮށްލާނެ ކަމަށް ކަރެކްޝަންސް އިން "ވަން" އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ނަމަވެސް އޭނާ ދޫކޮށްލާނެ ވަގުތެއް ހާމައެއް ނުކުރެއެވެ. ކަރެކްޝަންސްއިން ބުނީ އެ މައުލޫމާތު ހާމަ ނުކުރަނީ ރައްޔިތުން އެތަނަށް އެއްވުން ފަދަ ކަމެއް ހިނގައިފާނެތީ ކަމަށެވެ.