އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ ދާއިރާތަކަށް އާބާދީ ކަނޑައެޅި ގޮތާ ގުޅިގެން ލިބުނު ޝަކުވާތައް ބެލުމަށްފަހު ކޮލަމާފުށި ދާއިރާއަށް ބަދަލުތަކެއް ގެނެސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ގެޒެޓުކުރި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ފައިނަލް ރިޕޯޓުގައިވާ ގޮތުގައި ކޮލަމާފުށި ދާއިރާއަށް ވަނީ މާމެންދޫ ހިމަނައިފައެވެ. އެއާއެކު އެ ދާއިރާގައި ހިމެނޭނީ އެ ދެ ރަށް އެކަންޏެވެ. އަދި ކުރިން ކޮލަމާފުށި ދާއިރާގައި އޮތް ދެއްވަދޫ ވަނީ ގެމަނަފުށީ ދާއިރާގައި ހިމަނައިފައެވެ.
އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ ދާއިރާތަކަށް އާބާދީ ކަނޑައެޅި ގޮތާ ގުޅިގެން އީސީއަށް 65 ޝަކުވާއެއް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަންޖެހެއެވެ. އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އީސީން އާންމުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ރިޕޯޓުގައިވާ ގޮތުން މަޖިލީހަށް ވަނީ ހަ ދާއިރާއެއް އިތުރުވެފައެވެ.
- ހުޅުމާލެ މެދު ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
- ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
- ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
- ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، މާމެންދޫ)
- ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
އެ ބަދަލާއެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ. އަދި އިންތިހާބީ ބައެއް ދާއިރާތަކުގެ ނަމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާ، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު