އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް މިއަދު ނިންމާލައިފިއެވެ.
ބަޖެޓް ބަހުސްގައި ވާހަކަދައްކަން ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތުދީ ނިމެންދެން ދެ ޖަލްސާއެއްގެ ގޮތުގައި ރޭނގަޑާއެކު ކުރިއަށްގެންދަން މަޖިލީހުން ފާސްކޮށްގެން ބަޖެޓް ބަހުސް ފެށީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ބަޖެޓް ބަހުސްގައި ވާހަކަދެއްކުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް ދޭން މަޖިލީހުން އޮތީ ފާސްކޮށްފައެވެ. އަދި މެންބަރުން ދައްކާ ވާހަކަތަކާއި ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ޖުމުލަ 45 މިނެޓުގެ ވަގުތެއް ދޭން އޮތީ ނިންމައިފައެވެ. އެއީ ބަޖެޓް ބަހުސް ފަށާއިރު 15 މިނެޓު ބަހުސްގެ މެދުތެރެއިން 15 މިނެޓު އަދި ބަޖެޓް ބަހުސް ނިމުމުން 15 މިނެޓެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ޖަލްސާ ކުރިއަށްގެންދިއުމަށްފަހު 22 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަޖެޓް ބަހުސް ކުރިއަށް ގެންގޮސްފައިވަނީ އެއް ޖަލްސާގެ ގޮތުގައި ބަލައިގެންނެވެ.
މިއަދު މެންދުރުފަހުގެ ދަންފަޅިއާއެކު ބަޖެޓް ބަހުސް ނިމުމާއެކު، މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން ބަޖެޓް ބަހުސްގައި ވާހަކަދެއްކެވީ 51 މެންބަރުން ކަމަށެވެ. ބަހުސްގައި ޖުމުލަ 12 ގަޑިއިރާއި 23 މިނެޓް ހޭދަވި ކަމަށްވެސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ބަޖެޓް ބަހުސް ނިމިފައިވާ އިރު، މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރަމުންދާއިރު، އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަހުސްގެ މަރުހަލާގައި މަޖިލިސް ތަޅުމުގައި މެންބަރުން ދެއްކެވި ވާހަކަތަކާއި ފާހަގަކުރެއްވި ޕޮއިންޓުތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކުން ހުށަހަޅާ ހިޔާލުތަކަށް ބަޖެޓު ކޮމިޓީން ރިއާޔަތްކުރުން ހިމެނޭ ކަމަށެވެ.
އެހެންކަމުން ބަޖެޓް ބަހުސްގައި މެންބަރު ފާހަގަކުރެއްވި އެކިއެކި ޕޮއިންޓްތަކާއި މައުލޫމާތުތައް ކޮމިޓީއަށް ރައްދު ކޮށްދެއްވުމަށް އަސްލަމް ވަނީ އިދާރީ މޭޒުގައި ދަންނަވައިފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، ބަޖެޓުން ހަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ. އޭގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި 2.2 ބިލިއަން ރުފިޔާވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
މަޖިލިސް ތަޅުމުގައި ބަޖެޓް ބަހުސް ކުރިއަށް ދިޔަ އިރު، ބަޖެޓް ކޮމިޓީގައި ކުރިއަށްދިޔަ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ވަނީ މިވަގުތަށް ހުއްޓާލައިފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އާ މިނިސްޓްރީތައް ހިމެނޭ ގޮތުން ސަރުކާރަށް އިތުރުވާ ވުޒާރާތަކަށް ބަޖެޓް އެޖެސްޓްކޮށް، މާދަމާ އެކަމާބެހޭ ހުށަހެޅުންތައް ބަޖެޓް ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވެއެވެ.
އެ މައުލޫމާތުތަކާއި މަޖިލިސް ތަޅުމުގައި މެންބަރުން ކުރެއްވި ބަހުސްތަކަށް ރިއާޔަތްކޮށް ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމައި، ކޮމިޓީން ދެން މަޖިލީހަށް ހުށަހަޅާނީ ބަޖެޓް ދިރާސާކުރި ރިޕޯޓެވެ. މަޖިލީހުން ބަޖެޓް ފާސްކުރާނީ އެ ރިޕޯޓަށް ބަހުސް ކުރުމަށް މެންބަރުންނަށް ފުުރުސަތު ދެެއްވުމަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު