ކުރީގެ ރައީސް އަބުދުﷲ ޔާމީން އަލަށް އުފައްދަވަން ނިންމަވާފައިވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ފަހު، އެ ޕާޓީން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރާނެ ކަމަށް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ އާ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހު، މިއަދު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމަށް ވަޑައިގަތުމަށް ފަހު އިލެކްޝަންސް ކޮމިޝަނުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޕާޓީ އުފެއްދުމާއެކު ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރެކޯޑު މުގުރާލާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީން މާލޭ ސިޓީގެ މޭޔަރު ކަމަށްވެސް ވާދަ ކުރާނެ، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑުކޮށް އަޅުގަނޑުމެން ވާދަކުރާނެ އަދި އިންތިހާބު އަޅުގަނޑުމެން ކާމިޔާބުވެސް ކުރާނަން،" މަލީހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކިތަށް ގޮނޑިއަށް ވާދަކުރޭނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަލީހު ވިދާޅުވީ އެ އެކަންކަން ނިންމާނީ ޕާޓީ އުފެއްދުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ޕާޓީއަށް މެންބަރުން ހޯދުމުގެ މަސައްކަތްތައް ދަނީ ރެކޯޑު ސްޕީޑެއްގައި ކަމަށާއި ފޯމު ހުށަހަޅާނީވެސް ގިނަ އަދަދެއްގެ މެންބަރުންތަކަކާ އެކު ކަމަށެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއެކު ބައްދަލުވުމުގައި ޕާޓީ އުފެއްދުމުގައި އެ އިދާރާއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޕާޓީ އުފައްދަން ބޭނުންފުޅުވީ އެމަނިކުފާނު ހިމެނޭހެން އަށް މުއައްސިސުންނާއެކު ކަމަށާއި ނަމަވެސް އިލެކްޝަންސްގެ ގަވާއިދުގައި ވާގޮތުން އެ ހުއްދަ ލިބެނީ އެކަކަށް ކަމުން، ޕާޓީގެ މުއަސްސިސުގެ ގޮތުގައި ރަޖިސްޓާ ކުރާނީ ރައީސް ޔާމީންގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު