ޕާޓީގެ އުސޫލާ ހިލާފަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައިގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސެނެޓު މެންބަރު މުހައްމަދު މަލީހު ޖަމާލު މި ރޭ އެ ޕާޓީން ވަކިކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ މަލީހް އާއި އައްބާސް އާދިލް އިސްވެ ހުންނަވައި ވަނީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި މަހީލް ވަނީ ޔާމީން އަންގަވައިގެން ސްޓިއަރިން ކޮމިޓީއެއް އެކުލަވާލިކަން އިއުލާނުކުރައްވައިފައެވެ.

އަންގާރަ ދުވަހުގެ ރޭގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ބުދަ ދުވަހު އޭނާ ވަނީ ޕާޓީގެ މަގާމުތަކުން ސަސްޕެންޑުކޮށްފައެވެ.

ޕީޕީއެމުން މަލީހަށް މިއަދު ފޮނުވި ސިޓީގައި ވަނީީ، ޕީޕީއެމް ބައިބައިކުރުމަށް މަލީހް އިސްވެ ހުންނަވައި މަސައްކަތް ކުރައްވާކަން ފާހަގަކުރެވިފައިވާތީ އާއި ޕާޓީގެ ލީޑަރު ރައީސް ޔާމީންގެ ނަންފުޅުގައި އިތުރުފުޅު ހައްދަވައި އެ މަނިކުފާނުގެ އަބުރުފުޅާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ ވާހަކަތަކެއް ދައްކަވާފައިވާތީ ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމާފައިވާތީ އޭނާ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށެވެ.

މަލީހް ޕީޕީއެމުން ވަކިކޮށްފައިވަނީ ސުލޫކީ ކޮމިޓީގެ ތިން މެންބަރުންގެ އިއްތިފާގުންނެވެ.