"ގާލްސް ކޭން" ކެމްޕޭންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

"ގާލްސް ކޭން" ކެމްޕޭނަކީ ރާއްޖޭގެ ނެޓްބޯޅަ ކުރިއަރުވައި ކުޅިވަރުގެ ޒަރީއާއިން އަންހެނުން ބާރުވެރިކުރުވުމަށް އޮސްޓްރޭލިއާގެ ނެޓްފިޓް ނެޓްބޯލްއާއި ގްރީން ސްޓްރީޓްސް ނެޓްބޯލް އަދި ރާއްޖޭގެ އެމްވީ ނެޓާސް ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

ނެޓްފިޓް ނެތްބޯލްއަކީ 100،000 އަށްވުރެ ގިނަ މެންބަރުން ހިމެނޭ ނެޓްވޯކެކެވެ. އެއީ ދުނިޔޭގެ އެއްވަނަ ނެޓްބޯޅަ ޑިޖިޓަލް ޕްރޮގްރާމެވެ. އެ ނެޓްވޯކުގެ ސީއީއޯއަކީ އޮސްޓްރޭލިއާގެ އެލީޓް ނެޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ސާރާ ވޯލްއެވެ.

ދިރާގުން ބުނީ ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި ވޯލްއާއި އިތުރު ނެޓްބޯލް ކުޅުންތެރިއެއް ކަމަށްވާ ޝާނީ ނޮޑާ ރާއްޖޭގައި އޮންސައިޓް ޓްރެއިނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ގައުމީ ނެޓްބޯލް ޓީމާއެކުވެސް ސެޝަންތަކެއް ބާއްވަން ހަމަޖެހިފައިވާއިރު، ނެޓްބޯލް އެކެޑަމީތަކުގެ ކްލިނިކްތަކާއި ކޯޗިން ވޯކްޝޮޕްތަކާއި ނެޓްބޯލް ކްލަބްތަކާއެކުވެސް ސެޝަންތައް ބާއްވާނެ ކަމަށް ބުންޏެވެ.

ދިރާގުން ބުނީ، ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމުގެ މައިގަނޑު އެއް ދާއިރާ ކަމަށެވެ. އެފަދަ ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް އެއްބާރުލުން ދިނުމަކީ ކުޅިވަރު ކުރިއަރުވައި ދިވެހި އެތްލީޓުންގެ ހުނަރު އިތުރުކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް ވެސް ބުންޏެވެ.