ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެއާއެކު ސޮއިކުރަން ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސައޫދީގެ ގައުމީ ނިއުސް އެޖެންސީ، ވާސް އިން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާއެކު ކުރިއަށްގެންދަވާނީ ސައޫދީ އަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަނެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ނިންމި ކަމަށް ސައޫދީގެ ގައުމީ ނިއުސް އެޖެންސީން ބުންޏެވެ.

ވާސް އިން ބުނެފައިވާ ގޮތުގައި މި ސައުދީގެ މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއެވެ. އަދި އެ ބައްދަލުވުމުގައި ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ސައުދީއަށެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހަށް އެ ދަތުރު ވަނީ ތާވަލު ކުރައްވައިފައެވެ.