ޗައިނާގެ ޒިންގްޒަން އޮޓޮނޮމަސް ރީޖަން އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ޒިންގްޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން، ޔަން ޖިން ހައި މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެ ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ޗައިނާގެ ޒިންގްޒަން އޮޓޮނޮމަސް ރީޖަންގެ މަސްލަހަތު ހުރި އެކި ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކަރައްވައިފައެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމާއި ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، ޗައިނާގެ ޒިންގްޒަން އޮޓޮނޮމަސް ރީޖަން އާއި ރާއްޖެއާ ދެމެދުގައިވާ ސަގާފީ އެއްގޮތް ކަންކަމާ ގުޅޭގޮތުންނާއި މޫސުމަށް އަންނަ ބަދަލުތައް ފަދަ ދެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗެއާމަން ޔަން ވަނީ ޒިންގްޒަން އޮޓޮނޮމަސް ރީޖަންގެ ސަގާފަތާއި ޖިއޮގްރަފީ އާއި އެތަނުގައި ހިމެނޭ އާދަޔާ ހިލާފު ތަފާތު ތިމާވެށި ހިމެނޭ ގޮތަށް އެކި ކަންކަމާ ގުޅޭ މައުލޫމާތު ރައީސަށް ދެއްވައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ސާފު ބޯފެނުގެ ދަތިކަން ހުރިކަން އެނގިވަޑައިގަންނަވާކަން ހާމަކުރައްވަމުން، ޒިންގްޒަން އޮޓޮނޮމަސް ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެންފުޅީގެ 1,500 ޓަނުގެ ފުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ޗެއާމަން ޔަން ހުށަހެޅުއްވިއެވެ. ރައީސް މުއިއްޒު ވަނީ މި ދީލަތި ހުށަހެޅުއްވުން ގަބޫލުކުރައްވައި، ޗެއާމަން ޔަންއަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސް މުއިއްޒާއި ޗެއާމަން ޔަން ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ދިގު ޒަމާންތަކެއް ވަންދެން އޮތް ތާރީހީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުމަށް އިތުރު ކާމިޔާބީ އެދިވަޑައިގެންފައެވެ.