ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް މިދިޔަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާއަށް 22 މިލިއަން ރުފިޔާ ހަރަދުވި ނަމަވެސް އެއީ ބޮޑު ހަރަދެއް ނޫން ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެކަމާ ބެހޭގޮތުން މިނިސްޓަރާ ސުވާލުކުރައްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވީ، ހުވާކުރެއްވުމުގައި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ގައުމު އޮތީ ބޮޑު ދަރަންޏެއްގައި ކަމަށް ވިދާޅުވެ ހަރަދު ކުޑަކުރުމަށްޓަކައި ކުރަންހުރި ހުރިހާކަމެއް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށެވެ.
ނަމަވެސް ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްވެސް 22 މިލިއަން ރުފިޔާ ހަރަދުކުރައްވާފައިވާ އިރު، އެ އަދަދަކީ އާންމުން އެންމެ ބޮޑަށް މިވަގުތު ބޭނުންވާ ބޯހިޔާވަހިކަމަށް ބަލާއިރު 15 ވަަރަކަށް އެޕާޓްމަންޓުގެ އަގު ކަމަށެވެ. އޭގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ގަނޑުވަރު، މުލީއާގޭގައި ނޮވެމްބަރު 10އާ ހަމައަށް ހުންނެވުމަށްފަހު ވަޑައިގެންނެވި ފަހުން ހަފުތާއެއްހާ ދުވަސް ވޭތުވެފައިވާ އިރު، އެ ތަން މަރާމާތުކުރުމަށް 16 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ގައުމުގެ ހާލަތު އޮތްގޮތުން ހަރަދު ކުޑަ ކުރެއްވުމަށް ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ލަފާ އެރުއްވިންތޯ، ޔައުގޫބު ސުވާލުކުރެއްވިއެވެ.
އެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތުން ހަރަދު ކުޑަކުރަން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ ގައުމުގެ ޝަރަފް ހިމެނޭ މުހިންމު ރަސްމިއްޔާތެއް ކަމަށެވެ. އަދި އެކަން ޝަރަފުވެރި ގޮތުގައި ފާހަގަކުރުމަކީ ވަރަށް ގިނަ ދިވެހިންގެ އެދުމެެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މުލީއާގޭގެ މަސައްކަތުގެ ހަރަދު ކުޑަކުރަން ލަފާ ދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ ނިމިފައިވާ މަސައްކަތެއް ނޫން ކަމަށާއި، އެކަމުގެ އެސްޓިމޭޓްތައް ލިބުމުން ރިވިއު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހަރަދު ކުޑަކުރެވެން ހުރި ދިމަދިމާލުން ސަރުކާރުގެ ހަރަދު ކުޑަކުރައްވާނެ ކަަމަށާއި އެއީ ވަަރަށްބޮޑު އަމާޒެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު