އިޒްރޭލުން ފަލަސްތީން ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އެވެ.

މި ގަރާރުގެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވަނީ، ފަލަސްތީނުގައި އިޒްރޭލުން ކުރިއަށް ގެންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި ރާއްޖެ އިން މި ކަމުގައި އެދެވޭ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.

ސައުދު ހުށަހެޅުއްވި ގަރާރުގައި ވަނީ އިޒްރޭލުން ފަލަސްތީނަށް ބޮން އަޅައި އެ ގައުމު ސުންނާފަތިކޮށް އަންހެނުންނާއި ކުޑަ ކުދިން މަރަމުން ގެންދިޔުމަކީ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ފަލަސްތީނުގެ ދަރިފަސްކޮޅަށް އަމާޒުކޮށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް ދިވެހި ސަރުކާރަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާއި ރާއްޖެ އަށް އިޒްރޭލް ރައްޔިތުން އެތެރެވުން މަނާ ކުރުމަށާއި އެ ގައުމުން އުފައްދާ އެކްސްޕޯޓް ކުރާ ހުރިހާ ބާވަތެއް ރާއްޖެ އެތެރެ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އެ ގާރާރުގައި ބުނެފައިވެ އެވެ.

އިޒްރޭލްގެ ލާއިންސާނީ ހަމަލާތައް ކުށްވެރި ކުރުމާއި ފަލަސްތީންގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި ރައްޔިތުންގެ މަޖިލީހުން މި މައްސަލާގައި ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖްތަމައު އަށް ހާމަ ކުރަން ޖެހޭ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.

މަޖިލިސް ޖަލްސާގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން މި ގަރާރު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ވަނީ ހާރިޖީ ކޮމިިޓީއަށް ފޮނުވައިފައެވެ.