ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވާން 30 މިނިޓްގެ ފުރުސަތެއް ދޭން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަ މަޖިލީހަށް ބަލައިގަނެ އެ މައްސަލައިގެ ނޯޓިސް މަޖިލިސް މެންބަރުންނަށް މިހާރު ވަނީ ފޮނުވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިފަހަރު ހުށަހަޅާފައި ވަނީ 50 މެންބަރުންގެ ސޮޔާ އެކު މިމަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 49 މެންބަރުންނާއި އަމިއްލަ މެންބަރެއް ކަމުގައިވާ ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)ގެ ސޮޔެވެ.

އެ ގަރާރު ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާތީއެވެ.

މީގެ ކުރިންވެސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހެޅި މައްސަލަ ވެސް އެޖެންޑާ ނުކޮށް ގިނަ ދުވަސްތަކެއްވަންދެން ހިފެހެއްޓުމުގެ ސަބަބުން ހިނގައިދިޔަ އިހުތިޖާޖާއި ހަމަނުޖެހުމުގެ ތެެރެއިން، މިމަހުގެ 13 ވަނަ ދުވަހު އެ މަނިކުފާނު ވަނީ މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުން މަޖިލިސް ރައީސް ނުވަތަ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިނަމަ، އެ މައްސަލަ ކުރިއަށް ގެންދަން ނިންމުމަށްފަހު ތިން ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް މަޖިލިސް ރައީސް އާއި މަޖިލިސް މެންބަރުންނަށް ފޮނުވަން ޖެހެއެވެ. އަދި އެ ނޯޓިސްގެ 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.